އެމެރިކާގައި މިހާރު ކުރިއަށްދާ މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން އިވެންޓުގެ ސެމީ ފައިނަލުގެ ޖާގައެއް ނޯވަކް ޖޮކޮވިޗް ހޯދައިފިއެވެ.
ޖޮކޮވިޗް މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އެމެރިކާގެ ސެބަސްޓިއަން ކޯޑާ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ދެ ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ހައެއް ތިނެއްގެ ނަތީޖާއަކުން ކޯޑާ ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓު ހަތެއް ހައެއް އަދި ހަތެއް ހަތަރެއްގެ ނަތީޖާއަކުން ޖޮކޮވިޗް ވަނީ ކާމިޔާބުކޮށްފަ އެވެ.
ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ކުރިން ހުރި އުމުރުން 37 އަހަރުގެ ޖޮކޮވިޗް މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދުމާއެކު އޭނާ ވެފައިވަނީ އޭޓިޕީ މާސްޓަރސް 1000 ގެ މުބާރާތެއްގެ ސެމީ ފައިނަލުން ފުރުސަތު ހޯދި އެންމެ ދުވަސްވީ ކުޅުންތެރިޔާއަށް ވެފަ އެވެ.
ކުރިން މިދިޔަ ބުދަ ދުވަހު ކުޅެން އޮތް މެޗު ބުރާސްފަތި ދުވަހަށް ބަދަލުކޮށްފައިވަނީ އަންހެން އިވެންޓުގެ ކުއާޓަރ ފައިނަލުގައި އެމާ ރަޑުކާނޫ ކުޅުނު މެޗު ގަޑިއަށް ނިމިފައިނުވާތީ އެވެ.
މި މެޗު ކާމިޔާބު ކުރުމަށްފަހު ޖޮކޮވިޗް ބުނެފައިވަނީ މި މެޗުން ނަތީޖާ ޖެރުމަށް އެއް ދުވަސް މަޑު ކުރަން ޖެހުނު ނަމަވެސް މި މެޗުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ޖޮކޮވިޗް އާއި ދެކޮޅަށް ނިކުންނާނީ ބަލްގޭރިޔާގެ ގްރިގޯ ޑީމިޓްރޯވް އެވެ.