އަންނަ އޭޕްރީލް މަހު ފުޓްބޯޅަ ސީޒަން ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމާފައި ވަނިކޮށް، ފީފާގެ މެންބަރު އެސޯސިއޭޝަން ޑިޕާޓްމަންޓުގެ ސީނިއަރ ގަވަނަންސް މެނޭޖަރު އަޙްމަދު ހައްރާޒު އެކަން ހުއްޓުވައިފިއެވެ.
އެނގިފައިވާ ގޮތުގައި އާ ސީޒަން ކުރިއަށް ނުގެންދަން ހައްރާޒު ވަނީ އެފްއޭއެމަށް އަންގައިފަ އެވެ. އަދި ރޭ އެފްއޭއެމުން ވަނީ ފުޓްބޯޅަ ސީޒަން ނުފަށަން ފީފާއިން އަންގާފައިވާ ކަމަށް، ކްލަބްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފަ އެވެ. އެފްއޭއެމުން ނިންމާފައި ވަނީ އަންނަ މަހު 10 ގައި ފުޓްބޯޅަ ސީޒަން ފެށުމަށެވެ.
އެފްއޭއެމްގެ އިސްއޮފިޝަލަކު ޕީއެސްއެމް ނިއުސްއާ ވާހަދައްކަމުން ވިދާޅުވީ ހަރައްޒާގު ނިންމުމާދު ގޮތެއް ކަނޑައެޅުމަށް މިހާރު ފީފާއަށް ރަސްމީކޮށް އެދިފަވާނެ ކަމަށާއި ރަސްމީކޮށް ގޮތެއް ކަނޑައަޅާނީ ފިފާއިން ނިންމުމުން ކަމަށެވެ.
އެނގިފައިވާ ގޮތުގައި ހައްރާޒު އެފްއޭއެމަށް އަންގާފައި ވަނީ އޭޕްރީލްގައި ސީޒަން ނުފަށައި އޯގަސްޓް މަހު ދިވެހި ޕްރިމިއާ ލީގު ކުޅޭ ގޮތަށް ހަމަޖެއްސުމަށެވެ. އަދި ފީފާ އާއި ގުޅިގެން އަލުން ފުޓްބޯޅަ ކަލަންޑަރު އެކުލަވާލުމަށް ވެސް ހައްރާޒު އަންގާފައިވާކަން ވަނީ އެގިފައެވެ.
މި މަހު 16 ގައި އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް، ފީފާ އިން އެފްއޭއެމްގެ މެންބަރު ކްލަބްތަކާ އެކު ބޭއްވި ކޮންފަރެންސްގައި ވެސް ހައްރާޒު ވަނީ ފުޓްބޯޅަ ސީޒަން ނުފަށަން ބާރު އަޅައި ވާހަކަ ދައްކާފަ އެވެ. ފީފާއިން މަސައްކަތް ކުރަމުންދަނީ އޭޝިޔާގެ މުބާރާތްތަކާއި އެއްގޮތައް މިއަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ އޯގަސްޓުމަހު ފެށުމަށެވެ.
މައުލޫމާތު ލިބިފަވާ ގޮތުގައި ފުޓްބޯޅަ ސީޒަން ނުފަށަން ހައްރާޒު، އެފްއޭއެމަށް އެންގީ އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލު ކުރުމަށާއި ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލު ކުރި މައްސަލަތަކަށް އިސްކަން ދިނުމުގެ ގޮތުން ކަމަށް ބުނެ އެވެ.
އާ ސީޒަނަށް ތައްޔާރުވުމަށް މިފަހަރު ދިވެހި ލީގުގައި ވާދަކުރާ 10 ކްލަބްގެ ތެރެއިން ގިނަ ކްލަބަކުން ވަނީ ޕްރެކްޓިސް ވެސް ފަށައިފަ އެވެ. ސީޒަނަށް ތައްޔާރުވުމަށް ކްލަބްތަކުން ވަނީ ގިނަ ހަރަދުތަކެއްކޮށް ކުޅުންތެރިން ވެސް ސޮއި ކުރުވައިފަ އެވެ. ބައެއް ކްލަބްތަކުން ވަނީ ބިދޭސީ ކޯޗުންނާއި ބިދޭސީ ކުޅުންތެރިން ވެސް ގެނެސްފަ އެވެ.
ފީފާގެ ފަރާތުން ރާއްޖެއާ ގުޅޭ ކޭސް ބަލަހައްޓަނީ މިސްރަށް ނިސްބަތްވާ ހައްރާޒެވެ.