ޚަބަރު

ބިންހެލުމުގައި އެތައް ބައެއްގެ ފުރާނަގެއްލި ގިނަބަޔަކު ޒަޚަމްވެފައިވާތީ ރައީސް ތަޢުޒިޔާ ފޮނުއްވައިފި


  • ބިންހެލުމުގައި މަރުވި މީހުންގެ ޢާއިލާތަކާއި ގެއްލުން ލިބުނު މީހުންނަށް އިޚްލާސްތެރިކަމާއެކު ޙަމްދަރުދީ ފޮނުއްވި

  • ކާރިސާގެ މިދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ ތައިލެންޑްގެ ރައްޔިތުންނާ އެކުގައިކަން ހާމަކުރެއްވި

ދެކުނު އިރުމަތީ އޭޝިޔާ ބައްރަށް އައި ބާރުގަދަ ބިންހެލުމުގައި، ތައިލެންޑާއި އަދި އެ ސަރަޙައްދުގެ އެތައް ބައެއްގެ ފުރާނަ ގެއްލި، ގިނަ ޢަދަދެއްގެ މީހުން ޒަޚަމްވެފައިވާތީ، ތައިލެންޑްގެ ބޮޑުވަޒީރު ޕެޓޮންގޓާން ސިނޮވަޓްރައަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ މެސެޖުގައިވަނީ، އެ ކާރިސާގައި މަރުވި މީހުންގެ ޢާއިލާތަކާއި ގެއްލުން ލިބުނު މީހުންނަށް އިޚްލާސްތެރިކަމާއެކު ޙަމްދަރުދީ ފޮނުއްވާފައެވެ. އަދި ގެއްލިފައިވާ މީހުން ހެޔޮޙާލުގައި ތިއްބާ ފެނުމަށާއި، ޒަޚަމްވެފައިވާ މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދިވަޑައިގަންނަވާކަމަށް އެމަނިކުފާނުގެ މެސެޖުގައިވަނީ ވިދާޅުވެފައިވެއެވެ.


ކާރިސާގެ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ ތައިލެންޑްގެ ރައްޔިތުންނާ އެކުގައިކަން ހާމަކުރައްވަމުން އެމަނިކުފާނު ވަނީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތާއި، ގެއްލުން ލިބުނު ސަރަޙައްދު އަލުން އާރާސްތުކުރުމުގެ މަސައްކަތް އޮމާންކަމާއެކު ކުރިއަށްދާނޭކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

މިޔަންމާއަށް އައި ރިކްޓަރމިންގަނޑުން 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިން ހެލުމުގެ އަސަރު އެޤައުމުގެ ވަށައިގެންވާ ބައެއް ޤައުމުތަކަށްވެސްވަނީ ކޮށްފައެވެ. މިގޮތުން މިހާތަނަށް މިޙާދިސާގައި އެޤައުމުން 150 މީހަކު މަރުވެފައިވާކަމަށް މިހާތަނަށްވަނީ ކަށަވަރުވެފައެވެ. މިކާރިސާގައި ތައިލެންޑުން 3 މީހަކު މަރުވެ ގިނަ ބަޔަކު ޒަޚަމްވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މިބިންހެލުމުގައި އެޤައުމުތަކުގެ ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ.