ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާގެ ލަފާގެ މަތިން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން އޮގަސްޓު މަހަށް ފަސްކޮށް، ކުލަބުތަކުގެ މަސްލަހަތަށްޓަކައި ވީ އެންމެ އަވަސް ފުރުސަތެއްގައި ވާދަވެރި މުބާރާތެއް ބާއްވަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމްއިން ނިންމާފައި ވަނިކޮށް، ފީފާގެ މެންބަރު އެސޯސިއޭޝަން ޑިޕާޓްމަންޓުގެ ސީނިއަރ ގަވަނަންސް މެނޭޖަރު އަޙްމަދު ހައްރާޒު ވަނީ އެކަން ހުއްޓުވާފައެވެ. ފުޓްބޯޅަ ސީޒަން ފެށުން ލަސްކުރީ އެންމެ ކުލަބެއް ފިޔަވައި އެހެން ހުރިހާ ކުލަބުތަކުން ފަރިތަކުރުންތައް ފަށާފައި ވަނިކޮށެވެ.
އެފްއޭއެމްގެ ކޮންގްރެސްއަށް ފަހު ފީފާގެ އޮފިޝަލުން ވަނީ ޖެހިގެން އައި ދުވަހު ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި ތިންވަނަ ޑިވިޝަނުގެ ކުލަބުތައް ބައިވެރިކޮށްގެން ޓީމުތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ފީފާގެ އޮފިޝަލުން ވަނީ އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އޭއެފްސީ) ގެ ކަލަންޑަރާ އެއްގޮތަށް ރާއްޖޭގެ ފުޓްބޯޅަ ސީޒަން ބަދަލުކުރަން ޖެހޭ ކަމަށް ބުނެފައެވެ. މި ގޮތުން ފީފާއިން އެދިފައިވަނީ ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހު ސީޒަން ފަށައި، އަނެއް އަހަރުގެ މެއި މަހަށް ސީޒަން ނިންމާ ގޮތަށް ހެދުމަށެވެ.
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން، އަޙްމަދު މުޢިއްޒު ސޮއިކުރައްވައި ކްލަބްތަކަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކުލަބުތަކުގެ އެދުމުގެ މަތިން އައު ސީޒަން އަންނަ މަހު ބޭއްވުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
އެކަމަކު މި މަހު 16 ގައި ކުލަބުތަކާއެކު ބޭއްވުނު ބައްދަލުވުމުގައި ކަލަންޑަރަށް ބަދަލުގެނައުމުގެ ޚިޔާލު ފީފާއިން ހުށަހެޅި ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ. އަދި އެ އެސޯސިއޭޝަނުން ކުލަބުތަކާ ހިއްސާކުރި ކަލަންޑަރަށް ބަދަލުގެނެސް، 2025/2026 ގެ ސީޒަނުގެ ގޮތުގައި އަލުން ކަލަނޑަރު އެކުލަވާލުމަށް ފީފާއިން އަންގާފައިވާ ކަމަށްވެސް އެފްއޭއެމްގެ ސިޓީގައި ވަނީ ބުނެފައެވެ.
އެހެންކަމުން ސީޒަން ފެށުން ލަސްކުރުމާއެކު ކުލަބުތަކަށް ލިބިގެންދާނެ ގެއްލުމަށްޓަކައި މައާފަށް އެދޭ ކަމަށާއި، ކުލަބުތަކުގެ މަސްލަހަތަށްޓަކައި ވާދަވެރި ފުޓުބޯޅަ މުބާރާތެއް ވީ އެންމެ އަވަހަށް ބޭއްވުމުގެ މަސައްކަތް އެ އެސޯސިއޭޝަނުން މިހާރު ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.
އެނގިފައިވާ ގޮތުގައި ފުޓްބޯޅަ ސީޒަން އޮގަސްޓްގައި ރަސްމީކޮށް ފެށުމުގެ ކުރިން ފީފާއިން ވަނީ އޭގެ ކުރިން 2024 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން ކުޅެން ލަފާދީފައެވެ. އެއީ އޭޕްރީލް މަހުން ފެށިގެން އޮގަސްޓް މަހާ ދެމެދު ކުރު މުބާރާތެއްގެ ގޮތުގައެވެ.