މެންޗެސްޓާ ސިޓީގެ އެއްވެސް މީހަކަށް މި ސީޒަނުގައި ބޯނަސް ހައްގު ނޫން ކަމަށްއެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
އޭނާ މިހެން ބުނީ 2015 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ތައްޓެއް ނުލިބި ސީޒަނެއް ނިންމާލަން ޖެހިދާނެ ކަމުގެ ބިރު ހީވެފައިވަނިކޮށެވެ. ފާއިތުވެދިޔަ ހަތަރު އަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ސިޓީއަށް މި ސީޒަނުގައި ވަނީ ތަށި ދިފާއުކުރަން އުނދަގޫވެފައެވެ. އަދި އިނގިރޭސި ލީގު ކަޕާއި، ޔުއެފާ ޗެމްޕިއަންސް ލީގުންވެސް ވަނީ ކަޓާފައެވެ.
ތައްޓެއް ހޯދުމުގެ އުއްމީދެއް އޮތީ އެފްއޭ ކަޕް އާއި ޖޫން މަހު ފަށާ ފީފާ ކުލަބު ވޯލްޑް ކަޕުންނެވެ. ފީފާއިން 32 ޓީމު ބައިވެރިކޮށްގެން ފަށާ ކުލަބު ވޯލްޑް ކަޕުގެ ޗެމްޕިއަން ޓީމަށް 125 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި ބައިވެރިވާ ކުލަބުތަކުގެ މެދުގައި އެއް މިލިއަން ޑޮލަރު ބަހާލުމަށްވެސް ވަނީ ނިންމާފައެވެ.
މިކަމާ ގުޅޭ ގޮތުން ގާޑިއޯލާ ބުނީ ޓީމުގެ އެއްވެސް މީހަކަށް ބޯނަސް ހައްގު ނުވާނެ ކަމަށެވެ.
"އެއްވެސް ކުޅުންތެރިއަކަށް، ކޯޗަކަށް އަދި އޮފިޝަލަކަށް ވެސް ބޯނަސް ހައްގެއްނޫން. އެއަށްވުރެ ބޮޑަށް މި ސީޒަނުގައި އަހަރުމެން މިވަނީ ފެއިލްވެފައި. ކުލަބަށް ފައިސާއެއް ލިބިއްޖެނަމަ އެއީ ކުލަބުގެ އެއްޗެއް. މިއީ އަހަރެންގެ ހިޔާލު،" ގާޑިއޯލާ ބުންޏެވެ.
ދުނިޔޭގެ އެންމެ މޮޅު ކޯޗު ކަމަށް ގިނަ ބަޔަކު އެއްބަސްވާ ގާޑިއޯލާ ބުނީ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރުމަކީ ސީޒަން ކާމިޔާބުވުން ނޫން ކަމަށެވެ.
"ސީޒަނަށް ކުރިމަތިލަނީ ލީގު ކާމިޔާބުކުރަން އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން. މިއިން އެއްވެސް ކަމެއް ނުވެ، ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރެވުނަސް އެއީ ހަގީގީ ކާމިޔާބީއަކަށްނުވާނެ،" ގާޑިއޯލާ ބުންޏެވެ.
ސިޓީގެ ކޯޗުގެ މަގާމާ 2015 ވަނަ އަހަރު ގާޑިއޯލާ ހަވާލުވީއްސުރެ މި ސީޒަނުގައި އަޑިއަޅާލާފައިވާ ވަރަށް ސިޓީ އެއްވެސް ފަހަރަކު އަޑިއަޅާލާފައެއް ނުވެއެވެ. ނަމަވެސް އޭނާ ބުނީ މި ސީޒަނުގެ ނާކާމިޔާބީ ހަނދާން ނައްތާލުމަށްފަހު ސިޓީ ކުރީގެ ވަރުގަދަ ޓީމުގެ ގޮތުގައި ފެނިގެންދާނީ އަންނަ ސީޒަނުގައި ކަމަށެވެ.