އެމެރިކާގައި މިހާރު ކުރިއަށްދާ މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގެ ޖާގައެއް ސާބިއާގެ ނޯވަކް ޖޮކޮވިޗް ހޯދައިފިއެވެ.
ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ކުރިން ހުރި އުމުރުން 37 އަހަރުގެ ޖޮކޮވިޗް މި މުބާރާތް ކާމިޔާބުކޮށްފިނަމަ އެއީ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރާ 100 ވަނަ ސިންގަލްސް މުބާރާތެވެ.
ޖޮކޮވިޗް މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ބަލްގޭރިޔާގެ ގްރިގޯ ޑިމިޓްރޯވްއާ ދެކޮޅަށް ކުޅުނު މެޗު ހައެއް ދޭއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
އެޓީޕީ މުބާރާތްތަކުގައި މިހާތަނަށް 307 މެޗު ކުޅެފައިވާ ޖޮކޮވިޗް ވަނީ މިހާތަނަށް 99 މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ޖުމްލަ 24 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށް، ރިކޯޑު ހަދާފައެވެ.
މީގެ ކުރިން އެންމެ ގިނަ ސިންގަލްސް މުބާރާތް ކާމިޔާބުކޮށްފައިވަނީ 109 ސިންގަލްސް މުބާރާތް ކާމިޔާބުކޮށްފައިވާ އެމެރިކާގެ ޖިމީ ކޮނޯސް އެވެ. އަދި ޓެނިސް ލެގެންޑް ސްވިޓްޒަލަންޑްގެ ރޮޖަރ ފެޑެރާއަށް ކާމިޔާބު ކުރެވިފައިވަނީ 103 މުބާރާތެވެ.
މި މުބާރާތުގެ ފައިނަލުން ޖޮކޮވިޗް ފުރުސަތު ހޯދާފައިވާއިރު މިއީ 2016 ވަނަ އަހަރަށްފަހު މަޔާމީ އޯޕަންގެ ފައިނަލަށް ޖޮކޮވިޗް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ ރޭންކިންގެ ފަސްވަނައިގައި މިވަގުތު ހުރި ޖޮކޮވިޗް މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދުމަށްފަހު ބުނެފައިވަނީ ނިމިގެންދިޔަ ޕެރިސް އޮލިމްޕިކްސްގެ ރަން މެޑެއްޔާއެކު އޭނާއަށް 99 ސިންގަލްސް މުބާރާތް ކާމިޔާބު ކުރެވުމުން ދެން ވިސްނީ 100 މުބާރާތް ކާމިޔާބުކުރުމަށް ކަމަށެވެ.
"އޮލިމްޕިކްސް އަށްފަހު އަހަރެން މަސައްކަތް ކުރީ 100 މުބާރާތް ކާމިޔާބުކުރަން އަދި މިހާރު މިއޮތީ އެ ފުރުސަތު ލިބިފައި. މި މުބާރާތް ކާމިޔާބު ކުރުމަށްޓަކައި އަހަރެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން." ޖޮކޮވިޗް ބުންޏެވެ.
މި މުބާރާތުގެ ފައިނަލުގައި ޖޮކޮވިޗްއާ ދެކޮޅަށް ކުޅޭނީ ޗެކް ރިޕަބްލިކްގެ ޖަކޫބް މެންސިކެވެ. ޖޮކޮވިޗްގެ ސެމީ ފައިނަލް މެޗު ބެލުމަށް އިންޓަރ މަޔާމީއަށް ކުޅެމުންދާ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ވަނީ ގޮސްފައެވެ.