މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން ކެފޭގެ އުސޫލުން މާލެ ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އައި 14 ތަނެއް މިއަހަރުގެ މިހާތަނަށް ބަންދުކޮށްފިއެވެ.
ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދަނީ ގެއެއް ނުވަތަ އެޕާޓްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެ ބޭނުންކުރުމުގެ ފުރުސަތުދީ އޭގެ ވިޔަފާރި ކޮށްގެންނެވެ. މިފަދަ ތަންތަން އެންމެ ގިނައިން ފާހަގަކުރެވިފައިވަނީ މާލެ ސަރަޙައްދުގައެވެ. އެތަންތަން ބަންދުކޮށް، ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
މާލެ ސަރަހައްދުގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް އައީ ކޯވިޑުގެ ތެރޭގައެވެ. އެގޮތުން މިހާތަނަށް 60އަށްވުރެ ގިނަ ތަންތަން ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ތަންތަން ބަންދުކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަޙުމަދު ނާޢިފް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއަހަރު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިމަހުގެ 15ވަނަ ދުވަހާ ހަމައަށް 14 ތަނެއް ބަންދުކުރެވިފައިވާ ކަމަށެވެ. އަދިވެސް މާލޭގައި 6ވަރަކަށްތަން އެކްޓިވް ކަމަށާއި އެތަންތަން ބަންދުކުރުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް އަޙުމަދު ނާޢިފް ވިދާޅުވިއެވެ.
މިފަދަ ތަންތަން ބަންދުކުރުމުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ގޭގެ ބެހެނިވެރިން އިތުރުވުމާއި އާއިލީ މީހުން ހެކިބަސް ދިނުމުގައި ފަސް ޖެހުމާއި ގިނަ ބަޔަކަށް އެގްރިމަންޓްކޮށްފައި ހުރުމުން ފިޔަވަޅު އަޅަން ޖެހޭ ފަރާތް ދެނެގަތުމުގައި ހުރި ގޮންޖެހުންތައް އަހުމަދު ނާޢިފް ފާހަގަކުރެއްވިއެވެ. އަދި އެންމެ ބޮޑު ޗެލެންޖަކީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު މިހާރު އޮތްގޮތުން ހުރި ގޮންޖެހުންތައް ކަމަށާއި އެކަން ހައްކުރެވޭނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާއެކު ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހުށަހަޅާފައި އޮންނާނެ މަސްތުވާތަކެތީގެ މުއާމަލާތް ކުރާ މިފަދަ ތަންތަން ކޯޓު އަމުރަކާ ނުލައި 72 ގަޑިއިރަށް ފުލުހުންނަށް ބަންދުކުރެވޭ ގޮތަށް. އަދި އެތަން ގިނަވެގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓަށް އަމުރުކުރެވޭނެ ކަމަށް. ކޯޓަށްވެސް އެ ބާރުދީގެން އެކަން ކުރެވޭނެ ގޮތަކަށް،" ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަޙުމަދު ނާޢިފް ވިދާޅުވިއެވެ.
އަހުމަދު ނާޢިފް ވިދާޅުވިގޮތުގައި ތަފާތު އެކި ގޮތްގޮތަށް ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތްދޭ ތަންތަން އޮޕަރޭޓްކުރެއެވެ. އެގޮތުން، ގޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހަކު ހުންނަ ނަމަ އޭނާއަށް މަހުން މަހަށް ފައިސާ ލިބޭގޮތަށް ނުވަތަ މަސްތުވާތަކެތި ލިބޭގޮތަށް އެތަނުގައި ކެފޭގެ އުސޫލުން މަސްތުވާތަކެތި ވިއްކުމުގެ ފުރުސަތު ދޭކަމަށާއި ކުށްކުރުމުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ގޭގެ ވެރިފަރާތައް ބިރު ދައްކައިގެން އެފަދަ ތަންތަން ހިންގާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލަތައް ހައްލުކުރުމަށް އާންމުންގެ އެހީތެރިކަންވެސް ބޭނުންވެއެވެ. އެގޮތުން، އާއިލީ މީހަކު ނަމަވެސް އޭނާ ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދައި އެފަދަ ތަންތަން ހިންގުމުގެ ފުރުސަތު ނުދިނުމާއި ގެތައް ކުއްޔަށްދޭއިރު ބެކްގްރައުންޑް ޗެކް ކުރުމަކީ ކުރެވޭނެ ކަންކަމެވެ. އަދި އެފަދަ އަމަލެއް ކުއްޔަށް ދީފައިވާ ތަންތަނުގައި ހިންގާކަން ފާހަގަވާނަމަ ވަގުތުން އެކަން ހުއްޓުވުމަކީ ޤާނޫނުތަކުން އެތަނުގެ ވެރިފަރާތުގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ.