ކުޅިވަރު

ކުރު މުބާރާތަކަށްފަހު ސީޒަން ފަށަން ނިޒާމްބެ ތާއީދު


ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން ކުރު މުބާރާތެއް ބޭއްވުމަށް ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ތާއީދުކޮށްފިއެވެ. މީގެ ކުރިން އޭޕްރީލް މަހުގެ ތެރޭގައި ސީޒަން ފަށަން ނިންމި ނަމަވެސް، ފީފާގެ އެންގުމާ އެއްގޮތަށް މިހާރު ވަނީ ފުޓްބޯޅަ ސީޒަން އަންނަ އޮގަސްޓު މަހު ފަށަން ނިންމާފައެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމްއިން ނިންމާފައި ވަނިކޮށް، ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާގެ މެންބަރު އެސޯސިއޭޝަން ޑިޕާޓްމަންޓުގެ ސީނިއަރ ގަވަރނަންސް މެނޭޖަރު އަޙްމަދު ހައްރާޒު ވަނީ އެކަން ހުއްޓުވާފައެވެ. ފުޓްބޯޅަ ސީޒަން ފެށުން ލަސްކުރީ އެންމެ ކުލަބެއް ފިޔަވައި އެހެން ހުރިހާ ކުލަބުތަކުން ފަރިތަކުރުންތައް ފަށާފައި ވަނިކޮށެވެ. އެއާއެކު ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކުން ފަރިތަކުރުންތައް ހުއްޓާލި ނަމަވެސް، ބުރު ސްޕޯޓްސްއިން ވަނީ ޢީދު ބަންދަށްފަހު ފަރިތަކުރުންތައް ކުރިއަށްގެންދަން ނިންމާފައެވެ.

މީގެ ކުރިން ބުރު ސްޕޯޓްސްއިން ކުރިއަށްގެންދިޔަ ފަރިަތކުރުންތަކުގެ ތެރެއިން "ޕީއެސްއެމް ނިއުސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ނިޒާމްބެ ބުނީ ކުރިން ވާހަކަދެއްކި ގޮތަށް 45 ދުވަހުގެ ކުރު ސީޒަނެއް ކުޅެން އެހާ ރަނގަޅު ނޫން ކަމަށެވެ.

ނިޒާމްބެ މިހެން ފާހަގަކުރިއިރު ފީފާގެ އެންގުމާ އެއްގޮތަށް ފުޓްބޯޅަ ސީޒަން އަންނަ އޮގަސްޓު މަހު ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ވަނީ ނިންމާފައެވެ. އެކަމަކު ކުލަބުތަކުގެ މަސްލަހަތަށްޓަކައި ވީ އެންމެ އަވަސް ފުރުސަތެއްގައި ވާދަވެރި ކުރު މުބާރާތެއް ބާއްވަން އެފްއޭއެމްއިން ނިންމާފައިވާއިރު، އެ މުބާރާތް ފެށުމަށް ސަރުކާރާއެކު މިހާރު މަޝްވަރާކުރަމުންދާ ކަމަށް އެފްއޭއެމްގެ އޮފިޝަލަކު ވަނީ މައުލޫމާތުދީފައެވެ.

ނިޒާމްބެ ބުނީ އެކަހަލަ މުބާރާތެއްގެ ސަބަބުން ކުޅުންތެރިންނަށް މެޗު ފިޓްނަސް ރަނގަޅު ކުރެވޭނެ ކަމަށާއި، ލީގުގައި މެޗުތައް ކުޅުމަށް ވުރެ އެކަހަލަ މުބާރާތުން އެކަންކަން ހައްލުކުރަށް ފަސޭހަވެގެންދާނެ ކަމަށެވެ.

"އަޅުގަނޑު ނުކިޔާނަން 45 ދުވަސް ތެރޭގައި އެންމެ މުބާރާތެއް ކުޅުން އެއީ ސީޒަނެކޭ. ކުރު މުބާރަތަކަށް ތައްޔާރުވަންނާ ރަނގަޅު." ނިޒާމްބެ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުޓްބޯޅަ ސީޒަން އޮގަސްޓު މަހު ރަސްމީކޮށް ފެށުމުގެ ކުރިން ފީފާއިން ވަނީ އޭގެ ކުރިން 2024 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން ކުޅެން ލަފާދީފައެވެ. އެއީ އޭޕްރީލް މަހުން ފެށިގެން އޮގަސްޓް މަހާ ދެމެދު ކުރު މުބާރާތެއްގެ ގޮތުގައެވެ. ރާއްޖޭގައި އާންމުކޮށް ސީޒަން ކުޅެ އުޅެނީ އަހަރުގެ ކުރީކޮޅުން ފެށިގެން ގޮސް ނޮވެމްބަރު ނުވަތަ ޑިސެމްބަރަށް ސީޒަން ނިންމާ ގޮތަށެވެ. ނަމަވެސް 2021 ވަނަ އަހަރު ފެށިގެން އެއް ސީޒަނެއްގައި ޔޫރަޕުގެ ގައުމުތަކުގައި އޮންނަ ގޮތަށް ސީޒަން ބަދަލުކުރިއެވެ. އެކަމަކު އެކަން ކާމިޔާބުވެފައެއް ނުވެއެވެ.

މީގެ ކުރިން އޭޕްރީލްގައި ސީޒަން ފަށަން ނިންމުމާއެކު، ބުރު ސްޕޯޓްސް ކުލަބުން ވަނީ އައު ސީޒަނަށް ވަރަށް ރަނގަޅަށް ތައްޔާރުވާން ފަށާފައެވެ. އެގޮތުން އެ ޓީމުން މީގެ ކުރިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ބިދޭސީ ކުޅުންތެރިން ނުފެނު ނަމަވެސް، ޓީމަށް ބިދޭސީ ކުޅުންތެރިން ގުޅޭނެ ކަމަށް ނިޒާމްބެ ވަނީ ބުނެފައެވެ.