ބަރަކާތްތެރި ފިޠުރު ޢީދު ފާހަގަކުރުމަށް މާލޭގައި ބޭއްވި "ޢީދު ހަވީރު" ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންފިއެވެ.
ޤައުމީ ދިފާޢީ ބާރުން އިސްނަގައިގެން ސަރުކާރުގެ އެކި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތް ބާއްވާފައިވަނީ ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގެ އިތުރުން ސަލްޓަން ޕާކުގައެވެ.
މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ސަރަޙައްދަށް ވަޑައިގަތުމުން އެމަނިކުފާނުގެ އިސްތިޤުބާލުގައި ވަނީ ސަންގު ފުމެފައެވެ. އެއަށްފަހު އެމަނިކުފާނާއި ޢާއިލާއިން ވަނީ، އެކި ކުންފުނިތަކުން އިސްނަގައިގެން ތައްޔާރުކުރައްވާފައިވާ ސްޓޯލްތައް ބައްލަވާލައްވާފައެވެ. އަދި ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން މި ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ވަނީ ގިނަ އަދަދެއްގެ ބަޔަކާ ޢީދު ސަލާންކުރައްވާފައެވެ. އަދި ހަވީރު ނިންމަވާލެއްވުމުގެ ގޮތުން ޚާއްސަ ކޭކެއްވެސް ވަނީ ގިނަ އަދަދެއްގެ ކުޑަކުންދިންނާއެކު ފަޅުއްވާފައެވެ.
ޢީދު ހަވީރު ހަރަކާތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްގެ ދެކަނބަނލުންނާއި ދައުލަތުގެ ބައެއް ވަޒީރުންވެސް ވަޑައިގެންނެވިއެވެ.
މިއަދު ކުރިއަށްދިޔަ "ޢީދު ހަވީރު" މި ހަރަކާތުގައި ކުޑަކުދިން ޝައުޤުވެރިވާ ފަދަ ކުޅިވަރުތައް ހިމަނައިގެން އެކިއެކި ސްޓޯލްތައް ބަހައްޓާފައިވެއެވެ. އަދި މި ސަރަހައްދުގައި ސަގާފީ ކުޅިވަރުތައްވެސް ކުޅެފައިވެއެވެ. އެގޮތުން ބޮޑުބެރު ޖެހުމާއި ބޮޑުމަސް ކުޅުންފަދަ ސަގާފީ އެތައް ކުޅިވަރެއް މި ސަރަހައްދުގައި ދައްކާލާފައިވެއެވެ.
ޢީދު ހަވީރު ކުރިއަށްދިޔައީ މިއަދު ހަވީރު 16:00 އިން އިރުއޮއްސި 18:00 އާ ހަމައަށެވެ.