ޚަބަރު

ކޮމްޕެނީ ޓޭޕްބޯލް: ފަތަހަ ބަލިކޮށް ޗެމްޕިއަންކަން ހިރާސާ ކެމިސްޓަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލްގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގެ ޗެމްޕިއަންކަން ހިރާސާ ކެމިސްޓުން ހޯދައިފިއެވެ. މި މުބާރާތުގައި 10 ޓީމެއް ވާދަކުރިއިރު، މުބާރާތުގެ ޗެމްޕިއަންކަން ހިރާސާ ކެމިސްޓުން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ފަތަހަ މޯލް އަތުން ހަ ވިކެޓުން މޮޅުވެގެންނެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު ފައިނަލް މެޗުގެ ގުރު ދިމާވުމުން ފަތަހަ މޯލް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 75 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ އަށް ބޯޅައިން 39 ލަނޑު ހެދި ރަކީބެވެ. މި އިނިންގްސްގައި ހިރާސާ ކެމިސްޓުގެ ދިނޭޝް އަދި ސިމިއޯން ވަނީ ކޮންމެ އުކުންތެރިއެއް ދެ ވިކެޓު ނަގާފައެވެ. ޖަވާބުގައި ހިރާސާ ކެމިސްޓް ކުޅެން އަރައި ހަވަނަ އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 83 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އަށް ބޯޅައިން 36 ލަނޑު ހެދި ޕްރިންސް އާއި ނުވަ ބޯޅައިން 23 ލަނޑު އެއްކުރި ސަލީމެވެ.

މި މުބާރާތުގެ އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ވިކެޓު ނެގި އުކުންތެރިޔާގެ މަގާމު ހޯދީ ފަތަހަ މޯލްގެ ސައިދުލް އިސްލާމެވެ. އަދި އެންމެ ގިނަ ބޯޅަ ހިފާފައިވާ ހޮވުންތެރިއަކީ އެ ޓީމުގެ ނޫރު އާލަމެވެ. ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދެއްވީ ނެސްލޭގެ އެސިސްޓްނަޓް ޑައިރެކްޓަރ ދިލްޝާން އާއި ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު ފައިސަލްއެވެ.

މި އާއެކު މި އަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލް ނިމގެންދިޔައިރު، މި ފަހަރުވެސް ތިން މުބާރާތެއް ވަނީ ކުޅެފައެވެ. އެގޮތުން ދިވެހީންނަށް ހުޅުވާލައިގެން ބޭއްވި އޯޕަން ޓޭޕްބޯލް މުބާރާތުގެ ޗެމްޕިއަންކަން އެމްއޭސީއެލްއިން ހޯދިއިރު، ސަރުކާރު އޮފީސްތަކަށް ހުޅުވާލެވިގެން ބޭއްވި އޮފީސް ޓޭޕްބޯލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިންނެވެ.