މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްރު ބްރޫނޯ ފެނާންޑޭޒް ގަތުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން ވިސްނަން ފަށައިފިއެވެ.
ސްޕެއިނުގެ މީޑިއާތަކުން ބުނާ ގޮތުގައި ފާއިތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ރެއާލްގެ ސްކައުޓުން އެންމެ ބޮޑަށް ބަލައި ހެދީ މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގަ އާއި ރަށުން ބޭރުގައި ކުޅުނު މެޗުތަކެވެ. ބޭނުމަކީ ރެއާލްގެ ސްޓައިލަށް ފެނާންޑޭޒް ފެތޭ މިންވަރު ދަނެގެތުމެވެ. ނަމަވެސް އޭނާ ގަތުމަށް ނިންމައި މެޑްރިޑުން ޔުނައިޓެޑަށް ހުށަހަޅާނެކަން ޔަގީނެއްނޫނެވެ. ބޮޑަށް ބެލެވެނީ ނުރަސްމީކޮށް ކުޅުންތެރިޔާއާއެކު ރެއާލްއިން ވާހަކަ ދައްކަމުންދާ ކަމަށެވެ. ނަމަވެސް ކުޅުންތެރިޔާ ނުވިއްކާނެ ކަމަށް ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ވަނީ މި ވާހަކަތައް އަޑުއިވެން ފެށުމާއެކު ނޫސްވެރިން ގާތު ބުނެފަ އެވެ. އެކަމަކު އެއީ އޭނާ އަށް އެކަނި އޮތް ބާރެއް ނޫނެވެ.
ޕޯޗުގަލްގެ މިޑްފީލްޑަރު ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2027 ގައެވެ. ނަމަވެސް އޭނާ ވަނީ ތަށި ހޯދާ ކުލަބަކަށް ޔުނައިޓެޑް ނުވާތީވެ ކުލަބު ދޫކޮށްލަންޖެހިދާނެ ކަމުގެ އިޝާރާތްތަކެއް މި ސީޒަނުގައިކޮށްފަ އެވެ. ފެނާންޑޭޒް ޔުނައިޓެޑާ ގުޅުނުތާ މިހާރު ފަސް އަހަރުވެއްޖެ އެވެ. އެކަމަކު 30 އަހަރުގެ ކުޅުންތެރިޔާއަށް މިހާތަނަށް ޔުނައިޓެޑްގެ ޖާޒީގައި ލިބުނީ އެންމެ ދެ ތައްޓެވެ. އެއީ އިނގިރޭސި އެފްއޭ ކަޕަކާއި ކަރަބާއޯ ކަޕެވެ. އެހެންވެ އޭނާ މިހާރު ބޭނުންވަނީ ޔުނައިޓެޑް ދޫކޮށްލަން ކަމުގައި ކުލަބުގެ އިސް ފަރާތްތަކުގައި ނުރަސްމީކޮށް ބުނެފައިވާ ކަމަށް ވެސް ޖެނުއަރީ މަހު އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.
ޔުނައިޓެޑްގެ ކުޅުމާއި ނަތީޖާ ކިތަންމެ ގޯސްވި ނަމަވެސް ފެނާންޑޭޒް އަކީ މި ސީޒަނުގައިވެސް ޓީމުގެ އެންމެ އަލިގަދަ ތަރިއެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް 16 ލަނޑު ޖަހާފަ އެވެ. އެހެންވެ ޔުނައިޓެޑްގައި ހުރި ދުނިޔޭގެ ފެންވަރުގެ ހަމައެކަނި ތަރިއަކީ އޭނާ ކަމަށް މީޑިޔާތަކުން ބުނެ އެވެ.
ރެއާލްއިން ފެނާންޑޭޒްއަށް ޝައުގުވެރިވަނީ އެ ކުލަބުގެ މެދުތެރެއަށް ތަޖުރިބާހުރި ކުޅުންތެރިއަކު ލުމަށެވެ. ލޫކާ މޮޑްރިޗަކީ މިވަގުތު މެދުތެރޭގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. އޭނާގެ އުމުރުން މިހާރު 40 އަހަރަށް އެޅިފައިވާއިރު ގަވާއިދުން އޭނާއަށް ދެމުން އަންނަ އެއް އަހަރުގެ އެއްބަސްވުން މި ސީޒަނުގައި ވަނީ މަޑުޖައްސާލައިފަ އެވެ.
ސެޕްޓެމްބަރުގައި އެއްބަސްވުން އާކުރާކަން ރެއާލްއިން މީގެ ކުރީ ސީޒަންތަކުގައި އިއުލާނުކުރި ނަމަވެސް މި ސީޒަނުގައި އެކަންކޮށްފައި ނުވުމަކީ މިއީ މޮޑްރިޗުގެ ފަހު ސީޒަނަށްވުން ކަމުގައި ގިނަ ބަޔަކު ބުނެ އެވެ. ނަމަވެސް ރެއާލް އާއި މޮޑްރިޗްވެސް މިކަމާމެދު ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އިތުރު ސީޒަނެއްގައި ރެއާލްގައި މަޑުކުރަން މޮޑްރިޗް ބޭނުންވެ އެވެ. ނަމަވެސް ސްޕެއިނުގެ ނޫސްތަކުން ބުނަނީ ރެއާލްއިން މޮޑްރިޗާމެދު ގޮތެއް ނިންމާނީ ސީޒަންނިމި 2026 ގެ ވޯލްޑް ކަޕް ނިމުމުން ކަމަށެވެ. ރެއާލްއިން ބޮޑަށް ބާރު އަޅަނީ މޮޑްރިޗް ރިޓަޔާކުރުމަށް ނުވަތަ އެހެން ކުލަބަކަށް ދިއުމަށެވެ.