ކުޅިވަރު

ލެޖެންޑް ތޯމަސް މުލާ ބަޔާން މިއުނިކުން ފޮނުވާލަނީ! ކީއްވެ؟


ބަޔާން މިއުނިކަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ ތޯމަސް މުލާ މި ސީޒަނަށް ފަހު ދޫކޮށްލަން އެ ކުލަބުން ނިންމައިފިއެވެ.

ޖަރުމަނު މީޑިއާތަކުން ބުނަނީ ބަޔާންގެ މި ނިންމުމަކީ އެކުލަބަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ އަށް ލިބުނު ޝޮކެއް ކަމަށެވެ. ނަމަވެސް ޖަރުމަނުގެ އެންމެ ކާމިޔާބު ކުލަބުން މި ގޮތަށް ނިންމީ މާލީ ދަތިތަކުން އަރައިގަތުމަށް މުލާ އަށް ކުރާ ބޮޑު ހޭދަ ހުއްޓާލުމުގެ ގޮތުންނެވެ. ސަބަބަކީ އޭނާ އަކީ މިހާރު ފުރަތަމަ އެގާރައިން ބަރާބަރަށް ޖާގަ ނުލިބި ގިނަ ވަގުތު ބެންޗުގައި އިންނަ ކުޅުންތެރިއަކަށްވާތީ އެވެ. މި ސީޒަނުގައި ބަޔާން އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުތަކުގައި މުލާ އަށް ބަޔާން އަށް ކުޅެން ލިބުނީ އެންމެ ހަތަރު މިނިޓެވެ. ޖަރުމަނު ލީގުގައި ކުޅެން ލިބުނީ އެންމެ ހަ މިނިޓެވެ.

އުމުރުން މިހާރު 35 އަހަރުގެ މުލާ ހުރީ ފުރުސަތު ދީފިނަމަ އަދިވެސް ބަޔާންގައި ދެމިހުންނަން ބޭނުންވެފަ އެވެ. ނަމަވެސް ކުލަބުން މިހާރު ނިންމާފައިވަނީ ހޯޝުއާ ކިމިޗާއި 39 އަހަރުގެ ތަޖުރިބާކާރު ގޯލްކީޕަރު މެނުއަލް ނޯޔާ އާއި ޑިފެންޑަރު އަލްފަންސޯ ޑޭވިސްގެ ކޮންޓްރެކްޓް އާ ކުރުމަށްޓަކައި މުލާގެ މުސާރަ ބޭނުން ކުރުމަށެވެ.

މުލާ އަށް އަހަރަކު މުސާރައިގެ ގޮތުގައި 10 މިލިއަން ޔޫރޯ ބަޔާންއިން ހޭދަކުރެ އެވެ. ނަމަވެސް އެކުލަބުން އޭނާ ދޫކޮށްލަން ނިންމީ 2024 އަދި 2025 ވަނަ އަހަރު ސީޒަނަކީ އެ ކުލަބަށް ފާއިތުވެދިޔަ 10 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ގެއްލުންވާ ސީޒަނަށް ވުމުންނެވެ. ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި މާލީ ގޮތުން ބަޔާން ގެއްލުން ކުޑަކުރެވޭނީ މި ސީޒަނަށް ފަހު ބާއްވާ ކުލަބު ވޯލްޑްކަޕުން ލިބޭ ފައިސާއިންނެނެވެ.

މުލާ އަކީ ބަޔާންގެ ތާރީހުގައި ވެސް މުހިންމު ކުޅުންތެރިއެކެވެ. އެކުލަބަށް ހަތަރު ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިނީ އޭނާ އެވެ. އުމުރުން 10 އަހަރުން ފެށިގެން ބަޔާންގައި ހޭދަކުރަމުން އަންނަ ކުޅުންތެރިޔާ އަށް ކުލަބުން ދެން ފުރުސަތު ނެތް ނަމަވެސް ޖަރުމަނުގެ އެހެން ކުލަބަކަށް ކުޅެން އޭނާ ބޭނުމެއްނުވެ އެވެ. މިހެންވެ އޭނާ ދިއުން އެންމެ ގާތީ އެމެރިކާ ލީގަށް ކަމަށް ވެސް ތަޖުރިބާކާރުން ފާހަގަކުރެ އެވެ. ބައެއް ފަރާތްތަކުން ބުނަނީ ބޮރޫޝިޔާ ޑޯޓްމުންޑަށް ކުޅުނު ޖަރުމަނުގެ މާކޯ ރޮއިސް އެމެރިކާ ލީގަށް ބަދަލުވުމުން އެފަދައިން ކަންކުރުމަށް ރޮއިސްގެ ލަފާ މުލާ ހޯދުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ބަޔާންގެ ކުރީގެ ކޯޗުން ވަނީ މުލާ އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ. މި ގޮތުން ބާސެލޯނާ އަށް މިހާރު ކޯޗުކޮށްދެމުން އަންނަ ޖަރުމަނާއި ބަޔާންގެ ކުރީގެ ކޯޗު ހަންސީ ފްލިކް ބުނީ މުލާ ފަދަ ދެ ވަނަ ކުޅުންތެރިއަކު ނުހުންނާނެ ކަމަށެވެ. އޭގެ ކުރިން ބަޔާން އަށް ކޯޗުކޮށްދިން ހެއިނެކްސް ބުނީ މުލާ އަކީ ވަރަށް ގިނަ ކުޅުންތެރިންގެ ރޯލް މޮޑެލް އެއް ކަމަށެވެ. އަދި އޭނާ އަކީ ވަރަށް ޓީމު ވަންތަ ލީޑަރެއް ކަމަށެވެ.