ޚަބަރު

ހާލަންޑުގެ އިތުރު ޓެސްޓުތަކެއް ހަދަނީ


އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލްގައި ބޯންމަތާ ދެކޮޅަށް ކުޅުނު މެޗުގައި ފޯވާޑް އާލިން ހާލަންޑަށް ލިބުނު އަނިޔާގެ ސީރިއަސްކަން ބެލުމަށް އިތުރު ޓެސްޓުތަކެއް ހަދަން ނިންމާފައިވާ ކަމަށް މެންޗެސްޓާ ސިޓީން ބުނެފިއެވެ.

ބޯންމަތު އަތުން ސިޓީ 2-1 ގެ ނަތީޖާއަކުން މޮޅުވި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ހާލަންޑް އެވެ. އަދި ދެވަނަ ލަނޑަކީ އޭނާގެ ބަދަލުގައި ކުޅެން އުމަރު މަރްމޫޝް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގެ 61 ވަނަ މިނިޓުގައި ހާލަންޑްގެ ވާތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށިގަނޑުގައި ދަނޑުން ބާލާފައިވާއިރު އިއްޔެ ވަނީ އިތުރު ޓެސްޓްތަކެއްވެސް ހަދާފަ އެވެ. އަދި އެ އަނިޔާގެ ސީރިއަސްކަން ބެލުމަށް އިތުރު ޓެސްޓްތަކެއް ހެދުމަށް ސްޕެޝަލިސްޓަކަށް ދެއްކުމަށް ވަނީ ނިންމާފަ އެވެ.

ޕްރިމިއާ ލީގުގައި މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް މެންޗެސްޓަރ ސިޓީއަށް ހޯދިފައިނުވާއިރު އެ ޓީމުން ދަނީ މި ސީޒަނުގެ ކޮންމެވެސް ހިސާބެއްގައި ހާލަންޑް އަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ލަފާކޮށްފައިވާއިރު ސިޓީ އިން މިހާރު އެންމެ ބޮޑު ސަމާލުކަމެއް މި ސީޒަނުގައި ދެނީ ފީފާ ކްލަބް ވޯލްޑް ކަޕްގެ އިތުރުން އިނގިރޭސި އެފްއޭ ކަޕަށެވެ.

މި ސީޒަނުގައި މެންޗެސްޓަރ ސިޓީ އަށް ކުޅުނު 40 މެޗުގައި ހާލަންޑް ވަނީ 30 ލަނޑު ޖަހާފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ފަސްވަނައިގައި މިވަގުތު އޮތް މެންޗެސްޓަރ ސިޓީއަށް 29 މެޗުން ލިބިފައިވަނީ 48 ޕޮއިންޓެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ސްޕެއިންގެ ރެއާލް މެޑްރިޑް އަތުން އެ ޓީމު ބަލިވެފައިވާއިރު ކަރަބާއޯ ކަޕް އިންވެސް ވަނީ ކަޓާފަ އެވެ.