ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެމްޑަބްލިޔުއެސްސީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްޑަބްލިޔުއެސްސީގެ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނީގެ ކުރީގެ އަދި މިހާރުގެ ޚިދުމަތްތެރިންނަށް މަރުޙަބާއާއި ޝުކުރު ދަންނަވާފައެވެ.
— Dr Mohamed Muizzu (@MMuizzu) April 1, 2025
އެމްޑަބްލިޔުއެސްސީ ވުޖޫދުވީ 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. މި ކުންފުނީގެ އެންމެ ބޮޑު މަޤުޞަދަކަށްވީ އޭރު މާލެއަށް ދިމާވެފައިވާ ފެން ލިބުމުގެ ދަތިކަމަށް ޙައްލެއް ގެނެސް، ނަރުދަމާ އެޅުމެވެ. މިވީ 30 އަހަރުގެ ތެރޭގައި އެ ކުންފުނީގެ ޚިދުމަތްތައް އެތައް ރޮނގަކުން ކުރިއަރާ މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށަށާއި މާލެ ސަރަހައްދަށްވެސް ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީން ދެއެވެ. އެ ގޮތުން ގާތްގަނޑަކަށް 200،000 މީހުންގެ އާބާދީއަކަށް އެމްޑަބްލިޔުއެސްސީން ޚިދުމަތްދެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން ފެނާއި ނަރުދަމާގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކޮށް، އެމްޑަބްލިޔުއެސްސީން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވަނީ ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެ ގޮތުން މާލޭގެ ފެނުގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައިދިނުމަށް މާލެ ސަރަހައްދުގައި ފެން ރައްކާކުރެވޭ މިންވަރު 10،000 ޓަނަށް އިތުރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މާލެއާއި ހުޅުމާލޭގެ ފެން ރައްކާކުރާ ޕްލާންޓްތައް ގުޅަލައި، ސިނަ މާލެ ބުރިޖު މެދުވެރިކޮށް ފެނުގެ ވިއުގައެއް އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމުމަކާ ގާތަށް ޖެހިފައެވެ. މީގެއިތުރުން ނަރުދަމާގެ 15 ޕްރޮޖެކްޓެއްގެ މަސައްކަތްވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑަބްލިޔުއެސްސީން ދަނީ ކުރަމުންނެވެ.