މާލޭގައި އިތުރުވަމުންދިޔަ އާބާދީއަށް ދިމާވެފައި އޮތް ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކުރުމަށް މީގެ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީ އުފައްދަވާފައިވަނީ 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުއެވެ. ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ ބޮޑު ޒިންމާއާއެކު ގިނަ ކާމިޔާބީތަކެއް އެކުންފުނިންވަނީ ހޯދާފައެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެމްޑަބްލިއުއެސްސީއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ސަބްސިޑީއާއި ނުލާ ހިންގަމުން އަންނަ ކުންފުންޏެކެވެ.
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީ އުފެއްދީ މީގެ 30 އަހަރުކުރިން އޭރު އޮތް މާލޭގެ 60،000 މީހުންގެ އާބާދީއަށް ކުރިމަތިވަމުންދިޔަ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކުރުމަށެވެ. 60 މުވައްޒަފުންނާއެކު މިޚިދުމަތް ފެށިއިރު ފެން އުފެއްދުމުގެ ޤާބިލްކަން ހުރީ ދުވާލަކު 900 ކޮޑި މީޓަރެވެ. އަދި ފެން ރައްކާކުރެވޭ މިންވަރު ހުރީ 10,000 ކޮޑި މީޓަރުގައެވެ. ނަމަވެސް 1013 މުވައްޒަފުން މިހާރު ތިބި އެކުންފުނިން ދުވާލަކު 47,300 ކޮޑި މީޓަރުގެ ފެން އުފައްދައި 44,858 ކޮޑި މީޓަރުގެ ފެން ރައްކާ ކުރުމުގެ ޤާބިލްކަންވަނީ ހޯދާފައެވެ.
ހަމައެކަނި މާލެއަށް ޚިދުމަތްދިނުމަށް ކުންފުނި އުފެއްދިނަމަވެސް، މިއަދު މާލޭގެ އިތުރުން، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި ކ.މާފުށި، ރ.ދުވާފަރު އަދި ހދ.ކުޅުދުއްފުށި ހިމެނޭގޮތުން 2 ލައްކަ މީހުންގެ އާބާދީއަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް އެކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ. އެމްޑަބްލިއުއެސްސީން ވިދާޅުވީ މިއީގާތްގަނޑަކަށް އާބާދީގެ %50 ކަމަށެވެ. މީގެއިތުރުން ޚިދުމަތް ފުޅާކޮށް ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެކުންފުނިންދަނީ، ރ.ދުވާފަރުގައި ފެނާއި ނަރުދަމާގެ އިތުރުން، ކަރަންޓާއި ކުނި މެނޭޖްކުރުމާއި، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް ދެމުންނެވެ.
ވޯޓަރ ސެކިއުރިޓީ ނުވަތަ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަކީ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒެވެ. އެގޮތުން، ގްރޭޓަރ މާލެ ސަރަހައްދުގެ އެމްޑަބްލިއުއެސްސީގެ ފެން އުފައްދާ މައި މަރުކަޒުގެ އިތުރުން މާލޭގެ އެހެން ދެ ސަރަހައްދެއްގައި ފެން އުފައްދާ ދެ މަރުކަޒެއް ގާއިމްކޮށް، ފެން އުފެއްދުން ވަނީ ލާމަރުކަޒު ކުރެވިފައެވެ. އަދި މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރާ އިތުރު ތާނގީތައް ހެދުމާއި އިތުރު ފެން ޕްލާންޓްތައް ބެހެއްޓުމެގު މަސައްކަތްތައްވެސްދަނީ ކުރަމުންނެވެ. އެގޮތުން، މިއަހަރު ނިމޭއިރު ފެން އުފެއްދުމުގެ ކެޕޭސިޓީ %26 އަދި ފެން ރައްކާކުރެވޭ މިންވަރު %28 އަށް އިތުރުކުރެވިގެން ދާނެކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.
އެކުންފުނިން ވިދާޅުވީ މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމަށް ސިނަމާލެ ބްރިޖްމެދުވެރިކޮށް އަޅާފައިވާ ފެނުގެ މައި ވިއުގަ ޑިސްއިންފެކްޓް ކުރުމާއި، ޕްރެޝަރ ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މާލެއާއި ހުޅުމާލޭގެ ޓްރާންސްފަރ ޕަމްޕް ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތުގެ ބޮޑުބައެއްވެސް މިހާރު ނިމިފައިވާކަމަށެވެ. މުޅި މަޝްރޫޢު ނިންމާލައި، ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިއުގަ ގުޅާލައި ޚިދުމަތަށް ގެނައުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނިމުމުން، ބޭނުންވެއްޖެ ހާލަތެއްގައި، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް، ގަޑިއަކު 800 ޓަނުގެ ފެން ޕަންޕުކުރުމުގެ ގާބިލްކަން ލިބިގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 107 މަޝްރޫޢުގެ މަސައްކަތްވަނީ ނިންމާލާފައެވެ. އަދި މިއަހަރު ފެނުގެ 17 މަޝްރޫއަކާއި ނަރުދަމާގެ 15 މަޝްރޫއަކާއެކު ޖުމްލަ 32 މަޝްރޫއެއްގެ މަސައްކަތް އެކުންފުންޏާއި ހަވާލުކުރެވި އެކި މަރުޙަލާތަކުގައި މަސައްކަތްދަނީ ހިނގަމުންނެވެ.
ކުންފުނި އުފެދިގެން އައީ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަ ޔުޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ނަމަވެސް، މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އެކުންފުންޏަކީ، އިންޖިނިއަރިންގ، ޓްރޭޑިންގ އަދި މެނިފެކްޗަރިންގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއި، ޤާއިމްކުރުމާއި، އޮޕަރޭޓް ކުރުމާއި، އަދި ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތްވެސް މިއަދު އެމްޑަބްލިއުއެސްސީން އަންނަނީ ކުރަމުންނެވެ.
އަދި އެކުންފުނީގެ އައިއެސްއޯ ސްޓޭންޑަރޑުގެ ލެބޯރެޓަރީން ދަނީ ރިޒޯޓުތަކާއި، ފަންނީ ކޮންސަލްޓަންޓުންނަށް ވިޔަފާރީގެ އުސޫލުން ފެން ތަހުލީލުކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ. މީގެއިތުރުން ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި ޕައިޕް ފެކްޓަރީން ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ފެން ވަޔަރިންގަށް ބޭނުންވާ އެކި ސައިޒްތަކުގެ ހޮޅި އުފެއްދުމާއި، އަދި ކަރަންޓް ވަޔަރިންއަށް ބޭނުންވާ އެކި ސައިޒްތަކުގެ ކޮންޑިއުޓް ހޮޅި އުފެއްދުމުގެ މަސައްކަތްވެސް އެމްޑަބްލިއުއެސްސީން އަންނަނީ ކުރަމުންނެވެ.