ޚަބަރު

އިސްލާމީ އުސޫލުތަކާއި ޚިލާފަށް ސަގާފީ ހަރަކާތްތައް ހިންގުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން: ވަޒީރު


  • އިސްލާމީ އުސޫލުތަކާއި ޚިލާފު ޢަމަލުތައް އެ ހަރަކާތުން ވަނީ އުނިކޮށްފައި

އިސްލާމްދީނުގެ ހަމަތަކާއި އުޞޫލުތަކުގެ ބޭރުން ސަގާފީ ހަރަކާތްތައް ކުރިއަށްގެންދިއުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މި އަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމަށް ދިވެހިބަހާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ފާޑުކިޔުމާ ގުޅިގެންނެވެ. ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތް ކުރިއަށްގެންދިޔައިރު، އިހުގައި ހަރަކާތް ކުރިއަށްގެންދިޔަ ގޮތާއި ތަފާތުކޮށް އެ ހަރަކާތް ކުރިއަށްގެންދިޔަކަން ފާޑުކީ ފަރާތްތަކުން ފާހަގަކުރިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތް އިންތިޒާމުކޮށްފައިވަނީ ވުޒާރާއިން އެކުލަވާލި ޚާއްސަ ކޮމިޓީއަކުން ކަމަށެވެ. އަދި އެ ކޮމިޓީގައި ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތު ދުށް މީހުންނާއި ތާރީޚު ޢިލްމުވެރިން ހިމެނިވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތުގެ ތަމްސީލު ހުށައަޅާއިރު، ޒަމާނަށް ފެއްތުމުގެ ގޮތުން ބައެއް ބަދަލުތައް ގެނައުމަށް ކޮމިޓީން ނިންމެވި ކަމަށެވެ. އަދި އެ ހަރަކާތުގައި އިސްލާމް ދީނަށް ފުށުއަރާ ގޮތަށް އެ ޒަމާނުގައި ކުރި ބައެއް ކަންކަންވެސް ތަމްސީލުން އުނިކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުރީގައި ލޮންސި ވެރިން ތިބޭނީ މަތި ހަށި ހުހާއި. ފަހުން ފޮތި ލިބާސް ލާފައި. ޒަމާނަށް ވިސްނާފައި އަޅުގަނޑުމެން އިޚުތިޔާރުކުރީ އެ މީހުން ތިބޭނީ ފޮތި ލިބާސް ލައިގެން ކަމަށް. އަދި މި ހަރަކާތުގެ ތެރެއިން ޒިޔާރަތަށް ދިއުމާއި ހިތިގެ ހެދުންފަދަ ދީނާ ޚިލާފު ކަންކަން އުނިކުރިން." ވަޒިރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދީނީ ހަމަތަކާއި އެއްގޮތަށް ކުރިއަށްގެންދިއުމަށްޓަކައި އުނި ކުރި ކަންތައްތައް ފިޔަވައި، ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތުން ފެނުނު ހުރިހާ ކަމެއްވެސް އަސްލާ އެއްގޮތްވާނެ ކަމަށެވެ. އަދި އަސްލާ އެއްގޮތްކުރުމުގެ މަޤުޞަދުގައި ތާރީޚުގެ ހަރަކާތްތައް ހުށައަޅައިދޭއިރު، ދީނީ ހަމަތަކާއި އުޞޫލުން ބޭރުނުވާނެކަން ކަށަވަރުކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތަކީ ދިވެހި ރަސްރަސްކަލުން ރޯދަމަހުގެ ތެރޭގައި ބާއްވަވާފައިވާ ހައިބަވަންތަ ރަސްމިއްޔާތެކެވެ.