ފިޠުރު ޢީދަކީ ރަމަޟާންމަހުގެ ރޯދައަށްފަހު މުޞްލިމުން އުފާފާޅުކުުމަށް އަންނަ ޚާއްސަ އީދެކެވެ. ޢީދު ފެށެނީ ޢީދުދުވަހުގެ ނަމާދާއެކުގައެވެ. އެހެންނަމަވެސް ނަމާދަށް ޢީދު ނަމާދަށް ދިޔުމުގެ ކުރިން ކުރަން ޖެހޭ މުހިއްމު ކަމެއް އޮވެއެވެ. އެއީ ޒަކާތް ދެއްކުމާއީ އޭގެ ޙައްޤުވެރިންނަށް ޒަކާތް ފޯރުކޮށްދުމެވެ. މިއަހަރަކީ ވޭތުވެދިޔަ 4 އަހަރަށް ބަލާއިރު އެންމެ ގިނައިން ފިޠުރު ޒަކާތް ލިބުނު އަހަރެވެ.
ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސާ އޮންލައިންކޮށް ޒަކާތް ބަލައިގަންނަން ފެށިއެވެ. އެގޮތުން 5 ޕްލެޓްފޯމްއަކުން ޒަކާތް ބަލައިގަންނަން ފެށިއެވެ. އަދި އޮންލައިންކޮށް ޒަކާތް ދައްކަން އުޒުރުވެރިވާ މީހުންނަށް ޚާއްސަކޮށްގެން ރަމަޟާންމަހުގެ ދެވަނަ ދުވަހުން ފެށިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ގޮސްގެން ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖެއްސިއެވެ.
މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި 1.3 މިލިޔަން ރުފިޔާ ލިބުނުއިރު މިއީ ޒަކާތު ހައުސް އުފެއްދުމަށްފަހު ޒަކާތަށް ހޭލުންތެރިކުރުމަށް ކުރި މަސައްކަތުން ލިބުނު ކުރިއެރުމެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. ފައިސާއިން 1.3 މިލިޔަން ރުފިޔާ ލިބުނު އިރު ގޮވާމުން މި އަހަރު 10،025.66 ކިލޯވެސް ލިބިފައިވެއެވެ.
މިއަހަރު ފާހަގަކުރެވުނު އަނެއްކަމަކީ ފުރަތަމަ ފަހަރަށް ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެނަށް، އެއްހަމަޔަކުން ފިޠުރު ޒަކާތް ބެހުމެވެ. އެގޮތުން ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4500 ރުފިޔާ ވަނީ ބަހާފައެވެ. އަދި ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސްލައްކަ ރުފިޔާ ދިނުމަށްވެސް ނިންމިއެވެ.
ޢީދު ފަދަ އިސްލާމީ މުނާސަބާތައް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރު "ޢީދު އަލި" ގެ ނަމުގައި ޙާއްސަ ހަރަކާތެއް ފެށިއެވެ. މިދިޔަ އަހަރު މި ހަރަކާތް ކުރިއަށްގެންދިޔައީ މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށުގައެވެ. އެހެންނަމަވެސް މި ހަރަކާތް މިއަހަރު ވަނީ ފުޅާކޮށްފައެވެ. އެގޮތުން ކޮންމެ އަތޮޅަކުންވެސް 2 ރަށެއްގައި ޢީދު ދިއްލުންތައް ދިއްލާލިއިރު މިއަހަރު 64 ރަށެއް ދިއްލާލިއެވެ. މިއީ ރައްޔިތުންގެ ހިތްތަކަށް ޚާއްސަކޮށް ކުޑަކުދިންގެ ހިތްތަކަށް ުއފާވެރިކަން ގެނެސްދިން ހަރަކާތެކެވެ. މި ދިއްލާލުން ކުރިއަށްގެންދިޔައީ ޢީދުވިލޭރޭއެވެ. އަދި 6 ރޯދަ ނިމެންދެން ދިއްލާފައި ބަހައްޓާނެއެވެ.
އެހެން އަހަރުތަކާއެއްގޮތަށް މިއަހަރުގެ ފިޠުރު ޢީދު ނަމާދުވެސް ބޮޑު ޖަމާއަތުގައި ކޮށްފައިވެއެވެ. އެގޮތުން މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާއަތުގައި ނަމާދު ކުރިއިރު އަތޮޅުތެރޭގައިވެސް މިގޮތަށް ބޮޑު ޖަމާޢަތުގައި ނަމާދުކޮށްފައިވެއެވެ. އެގޮތުން ބޮޑުޖަމާޢަތުގައި ކުރި ޢީދު ނަމާދުގައި ގިނަ އަދަދެއްގެ ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން ވަނީ ބައިވެރިވެފައެވެ.
ކުރިން ޢީދު ނަމާދު 7:30 ކުރަމުން އައިނަމަވެސް މިދިޔަ އަހަރުން ފެށިގެން ޢީދު ނަމާދު ކުރަން ފެށީ ހެނދުނު 7:00 ޖަހާއިރުއެވެ.
"ޢީދު ހަވީރު" ހަރަކާތަކީ ޤައުމީ ދިފާޢީ ބާރުގެ އިސްނެގުމަށް ސަރުކާރުގެ ބައެއް މުއައްސަސާތަކާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުމާއެކު މާލޭގައި ފިޠުރު ޢީދު ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތް އިންތިޒާމްކޮށްފައިވަނީ އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝަޢުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމެނޭހެންނެވެ.
މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ އިހުގެ ސަޤާފަތް ދައްކާލުމާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ވަނީ ދައްކާލާފައެވެ. އަދި ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށްވެސް ދައްކާލާފައިވެއެވެ.
ހަމައެހެންމެ ކުންފުނިތަކުގެ ސްޓޯލްތަކުން ތަފާތު އެކި ކުޅިވަރު ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. ޢީދު ހަވީރުގެ ތެރެއިން ވަނީ ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުންވެސް ޚާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ހަރަކާތްތައް ވެގެންދިޔައީ ތުއްތުކުދިންގެ އިތުރުން އެ ސަރަޙައްދަށް ޖަމާވި އެކި އުމުރުފުރާގެ މީހުންގެވެސް ޝަޢުގުވެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ހަރަކާތްތަކެކެވެ.
މި ހަވީރުގައި ބައިވެރިވުމަށް އެތައް ސަތޭކަ ބަޔަކު ޚާއްސަކޮށް ގިނަ އަދަދެއްގެ ތުއްތުކުދިން ޖުމްހޫރީ މައިދާން ސަރަޙައްދަށް އެއްވި އެއްވުމުން، އާންމުން މިފަދަ ކަމަކަށް ބޭނުންވެފައި ތިބި މިންވަރު ވަރަށް ބޮޑަށް އެނގިގެންދިޔައެވެ. އަދި މި ހަރަކާތް ދިވެހިން ވަކިން ޚާއްސަކޮށް ތުއްތު ކުދިންގެ ފަރާތުން ލިބުނު ތަރުޚީބު މިވަނީ ފެނިގެންގޮސްފައެވެ.
މި ހަރަކާތެއް ލިބުނު ބޮޑު ތަރުޚީބާއެކު އީދާ ޖެހިގެން އައި ދެދުވަހުވެސް މި ހަވީރު ކުރިއަށްގެންދިޔައެވެ.
ޢީދު ހަވީރުގެ އިތުރަށް ޢީދު ދުވަހުގެ ރޭ ވަނީ ދިވެހިންގެ ތަރީޚާ ގުޅޭ ޚާއްސަ ހަރަކާތެއްވެސް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ދިވެހި ބަހާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން "ހިއްޗަށް" ވަޑައިގަތުމުގެ ޚާއްސަ ހަރަކާތެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ.
ފަހަކަށް އައިސް ޑްރޯން ޝޯތަކާއި ހަވާއެރުވުމުގެ ހަރަކާތްތަކަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލް ހަރަކާތެކެވެ. އެހެންކަމުން ޢީޑު ފާހަގަ ކުރުމަށްވެސް މިފަދަ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޑްރޯން ޝޯއާއި ހަވާއެރުވުމުގެ ހަރަކާތް ބަލާލަން ގިނަ އަދަދެއްގެ އާންމުން ވަނީ އެސަރަހައްދަށް ޖަމާވެފައެވެ.
މިޑްރޯން ޝޯގެ ތެރެއިން ޢީދާއި ގުޅޭ ތަފާތު މަންޒަރުތަކާއި ދިވެހިވަންތަ ބައެއް ތަކެތި ވަނީ ދައްކާލާފައެވެ. އަދި ރަމަޟާންމަހާއި ފަލަސްޠީނާއެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ފަލަސްޠީނުގެ ދިދަވެސް ވަނީ ޑްރޯން ޝޯގެ ތެރެއިން ދައްކާލާފައެވެ.
ކޮންމެ އަކަސް މިއަހަރުގެ ފިޠުރު ޢީދަކީ މުޅި ރާއްޖެއަށްވެސް އުފާވެރިކަން ގެނެސްދިން ޢީދެކެވެ. ވަކިން ޚާއްސަކޮށް ފުރަމާލޭގައި ތިބި ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިން ޢީދެކެވެ. މި ތޮއްޖެހުން ބޮޑު ސިޓީގައި ދިރިއުޅޭ ތުއްތުކުދިންގެ މޫނުމައްޗަށް ހިނިތުންވުން ވެރިކުރުވި ޢީދަކަށެވެ.