ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ބްރޯޑްކޮމްގެ މެންބަރުކަމުން ފަޒީން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 15ވަނަ ދުވަހުއެވެ. އޭނާ އެމަޤާމުން އިސްތިއުފާދެއްވީ، އޭނާ އެމަޤާމުން ވަކިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މައްސަލައެއް ބަލައި އޭނާ މަޤާމުން ވަކިކުރުމަށް ނިންމާފައިވަނިކޮށެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ކޮމިޓީން ބަލަމުންދިޔައީ އޭނާއާއި ގުޅުންހުރި ޖިންސީ ފުރައްސާރައާއި ގުޅޭ މައްސަލައެކެވެ. އެހެންނަމަވެސް އެމައްސަލައިގެ ބާވަތުން ކޮމިޓީތައް ކުރިއަށްގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. އަދި މިކަމާއި ގުޅޭ އިތުރު މަޢުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ.
ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން ބްރޯޑްކޮމްގެ މެންބަރެއްގެ މަޤާމު ވަނީ ހުސްވެފައެވެ. އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލާފައިވަނީ މި މަހުގެ 15ވަނަ ދުވަހާ ހަމައަށެވެ.
މި މަޤާމަށް ކުރިމަތިލެވޭނީ 18 އަހަރުވެފައިވާ ދިވެހިންގެ ތެރެއިން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިނުވާ މީހުންނަށެވެ.
ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއްގައި ހުރި މީހަކަށް ނުވަތަ ސިވިލް ސަރވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެންވެސް ވަޒީފާއެއް އަދާކުރާ މީހަކަށް ނުވަތަ ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަޞްލަޙަތެއް އޮތް މީހަކަށް ވެގެން ނުވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރެއްވި އިއުލާނުގައި ވިދާޅުވިއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރުން އައްޔަން ކުރާނީ އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުއްވެވުމުން މަޖިލީހުންނެވެ. މެންބަރުން އައްޔަން ކުރައްވާނީ އިންޓަވިއު ކުރުމަށްފަހު ލިބޭ މާކްސްއަށް ބެލުމަށްފަހުއެވެ.
ބްރޯޑްކޮމްއަށް މެންބަރުން އައްޔަން ކުރަނީ 5 އަހަރުގެ ދައުރަކަށެވެ.