ޚަބަރު

ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ގިނަ އެހީތެރިކަން ރާއްޖެއަށް ފަހިވެއްޖެ: ޞިއްޙީ ވަޒީރު


  • ޑޮކްޓަރުންނަށް އިންޓަރންޝިޕްގެ ފުރުޞަތު ފަހިވި

  • އެމްބީބީއެސްގެ 3 ސްކޯލަރޝިޕް ރާއްޖެއަށް ލިބިފައިވޭ

  • ޕޭޝަންޓް ސޭފްޓީ ވަރުގަދަކުރުމަށް ޓެކްނިކަލް އެހީތެރިކަން ލިބޭނެ

ބަލިމީހުންގެ ރައްކާތެރިކަމުގެ ސަމިޓު ނުވަތަ "ވޯލްޑް ޕޭޝަންޓް ސޭފްޓީ ސަމިޓު"ގެ ތެރެއިން ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ގިނަ އެހީތެރިކަން ލިބިގެން ގޮސްފައިވާކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ނިޒާމަކީ އެހެން ޤައުމުތަކުގެ ސިއްޙީ ނިޒާމާ އަޅާބަލާއިރު ވަރަށް ހަގު ނިޒާމެއްކަމަށާއި އިތުރަށް ހަރުދަނާކުރަން ގިނަ ކަންކަން ހުރިކަމަށެވެ.

ވޯލްޑް ޕޭޝަންޓް ސޭފްޓީ ސަމިޓު ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 3 އިން 4 އަކަށް ފިލިޕިންސްގައެވެ. މިސަމިޓުގައި ޙާސިލުކުރެވުނު ކަންކަމުގެ މަޢުލޫމާތު ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ހިއްސާކުރައްވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ޤައުމެއްގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ގިނަ ޤައުމުތަކެއްގެ އެހީތެރިކަން ބޭނުންވާކަމަށެވެ. މިފަދަ ސަމިޓުތަކުގައި އަދި ސަމިޓުތަކުގެ ހަވާސާގައި ކުރެވޭ މަސައްކަތްތަކުން ގިނަ ކަންތައްތަކެއް ޙާސިލުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މިސަމިޓުގެ ހަވާސާގައި ރާއްޖެއަށް ދަތިވާ ބައެއް ދާއިރާތަކުން އެހީތެރިކަން ލިބިގެންދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ.

ޞިއްޙީ ވަޒީރު ވިދާޅުވީ މެޑިސިން ކިޔެވުމަށްފަހު ދިވެހި ޑޮކްޓަރުންނަށް ބޭނުންވާ އިންޓަރންޝިޕްގެ ފުރުސަތު ހޯދުމަށް ރާއްޖޭގައި ގިނަ ހުރަސްތަކެއް އެބަހުރިކަމަށެވެ. މިސަމިޓުގެ ތެރެއިން ފިލިޕިންސްގެ ޞިއްޙަތާ ބެހޭ ވަޒީރާއެކު ކުރެވުނު މަޝްވަރާގައި މިކަމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހަމައެއާއެކު ޑޮކްޓަރުން އިތުރަށް ސްޕެޝަލައިޒްވުމަށް ބޭނުންވާ ފުރުސަތުވެސް ފަހިކޮށްދެއްވުމާއިގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ފިލިޕިންސްގެ ޕްރައިވެޓް މެޑިކަލް ކޮލެޖަކުން ދިވެހި ޑޮކްޓަރުންނަށް އެމްބީބީއެސްއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށް 3 ސްކޯލަރޝިޕްގެ ރަސްމީ ލިޔުން ޙަވާލުކޮށްފައިވާކަމަށް ސިއްޙީ ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެނަށް އެކަމުގެ ރަސްމީ ލިޔުންވެސް ޙަވާލުކޮށްދެއްވި، އަދި މިހާރު ފޮރިންގ މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ނެގުމާއި ހަޔަރ އެޑިއުކޭޝަނާއެކު ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން. ވަރަށް އަވަހަށް ޢިއުލާންކުރާނެ މި 3 ސްކޯލަރޝިޕްގެ ފުރުސަތަށް." ވަޒީރު ވިދާޅުވިއެވެ.

ޕޭޝަން ސޭފްޓީ ސަމިޓުގެ ތެރެއިން ރާއްޖޭގެ ޕޭޝަންޓް ސޭފްޓީގެ ދާއިރާ ވަރުގަދަކުރުމަށްވެސް އެހީތެރިކަން ލިބިގެންގޮސްފައިވާކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ. އެގޮތުން އެމެރިކާގެ ޖަމުޢިއްޔާއެއްކަމުގައިވާ ޖޮއިންޓް ކޮމިޝަން އޮން އިންޓަރނޭޝަނަލްގެ އެހީތެރިކަމާއެކު ރާއްޖޭގެ ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ޓެނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވިގެންދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އޭޑީބީގެ ސަރަޙައްދީ ބޭފުޅުންނާއެކު ކުރެވުނު މަޝްވަރާތަކުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެކި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވުނުކަމަށްވެސް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.