އިނގިރޭސި ޕްރިމިއަރ ލީގުން ރެލިގޭޓުވިތާ ގިނައިރުތަކެއް ނުވަނީސް ސައުތެމްޓަންގެ ކޯޗު އިވާން ޖުރިޗް މަގާމުން ވަކިކޮށްފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން ސައުތެމްޓަން ބަލިވުމާއިއެކު އެ ޓީމު ވަނީ ޕްރިމިއާ ލީގުން ރެލިގޭޓްވެފަ އެވެ. އަދި އެ މެޗު ނިމުނުތާ ގިނައިރުތަކެއް ނުވަނީސް ސައުތެމްޓަން އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކްލަބާއި ކޯޗާއި ދެމެދު ދެކެވުނު ވާހަކަތަކަށްފަހު ކޯޗު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
"ޖުރިޗް އާއިއެކު ބޭއްވުނު މަޝްވަރާތަކަށް ފަހު މިއަދު އޭނާ އާއިއެކު ވެފައިވާ އެއްބަސްވުން ވަނީ ނިމުމަކަށް ގެނެސްފަ. އޭނާ އެ މަގާމާއި ހަވާލުވެފައިވަނީ ވަރަށް ދަތި އުނދަގޫ ވަގުތެއްގައި އަދި ރަގަޅު ނަތީޖާތަކެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ކްލަބުން ބޭނުންވިފަދަ ނަތީޖާއެއް ނުހޯދުނު." ސައުތެމްޓަން އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
"މި ޓީމަށް ކާމިޔާބީ ހޯދައިދިނުމަށް ޖުރިޗް އާއި އޭނާގެ ޓީމުން ކުރި މަސައްކަތަށް ޝުކުރު އަދާކުރަން." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ކްރޮއޭޝިޔާއަށް އުފަން އިވާން ޖުރިޗް ސައުތެމްޓަންގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ ކުރިން އެ މަގާމުގައި ހުރި ރަސެލް މާޓިން އެ މަގާމުން ވަކިކުރުމަށްފަހު މިދިޔަ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހު އެވެ. ރަސެލް މާޓިން ސައުތެމްޓަންގެ ކޯޗު ކަމުން ވަކިކޮށްފައިވަނީ ޓޮޓްނަމް ހޮޓްސްޕަރ އަތުން އެ ޓީމުން 5-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހުގަ އެވެ.
މި ސީޒަނުގައި ކުރިއަށް ހުރި މެޗުތަކުގައި ސައުތެމްޓަން އަށް ކޯޗުކޮށްދޭނީ ވަގުތީ ގޮތުގައި މަގާމާއި ހަވާލުވެފައިވާ ސައިމަން ރަސްކް އެވެ. ރަސްކް ވަނީ މީގެ ކުރިންވެސް ސައުތެމްޓަންގެ ކޯޗު ކަމާއި ވަގުތީ ގޮތުން ހަވާލުވެފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ސައުތެމްޓަން އިން މިހާތަނަށް 31 މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވަނީ އެންމެ 10 ޕޮއިންޓެވެ.
ޖުރިޗްގެ އިރުޝާދުގެ ދަށުން ސައުތެމްޓަން ހުރިހާ މުބާރާތެއްގައި ކުޅުނު 16 މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. އަދި ޕްރިމިއާ ލީގުގައި އޭނާއަށް އެ ކްލަބަށް ހޯދައިދެވިފައިވަނީ ހަތަރު ޕޮއިންޓެވެ.