ޚަބަރު

ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • މިއޮޕަރޭޝަންގައި ބިދޭސީން ދިރިއުޅޭ 4 އެކޮމޮޑޭޝަނެއް ވަނީ ބަލާފާސްކޮށްފައި

  • ސަރުކާރުންދަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް މައުލޫމާތުވެސް އެއްކުރަމުން

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ ބިދޭސީން އެކޮމޮޑޭޝަންތަކެއް ބަލާ ފާސްކޮށް 8 ބިދޭސީއަކުން ހައްޔަރުކޮށްފިއެވެ.

ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ ތަންތަން ބަލާފައިވަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ތަންފީޒީ އިދާރާތައް ގުޅިގެން އުފައްދާފައިވާ ޓާސްކްފޯހުންނެވެ. މިޓާސްކް ފޯހުން ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ 4 ތަނެއް ބަލައިފާސްކޮށް ޤަވާއިދާ ޚިލާފަށް ދިރިއުޅެމުން ދިޔަ 8 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އިމިގްރޭޝަނުން ދަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިދިޔަ އަހަރު ހިންގި އޮޕަރޭޝަންތަކުގައި އެކަނިވެސް 5600އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުންގެ ޤައުމަށް ފޮނުވާލާފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތުވެސް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްމުންނެވެ.