މިއަހަރުގެ ފުރަތަމަ 2 މަސްދުވަހު ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު އިތުރުވެއްޖެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ މަންތުލީ ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 2 މަސްދުވަހާއި އަޅާބަލާއިރު ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ އިތުރުވެފައެވެ.
ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ އުފެއްދުންތަކެވެ. އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 2 މަސްދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 2 މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ %35.1 އިތުރުވެފައެވެ.
މިއަހަރުގެ ފުރަތަމަ 2 މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 14،222 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 10،526 މެޓްރިކް ޓަނުގެ މަސްކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.
މައިގަނޑު ހުރިހައި ބާވަތެއްގެ މަހުގެ އެކްސްޕޯޓް މިއަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން 12،971 މެޓްރިކް ޓަނުގެ ފިނިކުރި ކަޅުބިލަ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 8903 މެޓްރިކް ޓަނުގައެވެ. މިއީ %45 ކުރިއެރުމެކެވެ.
މިއަހަރުގެ ފުރަތަމަ 2 މަސްދުވަހު 10،402 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 6،466 މެޓްރިކް ޓަނުގެ މަހެވެ.
ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި 2468 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 2420 މެޓްރިކް ޓަނުގެ މަހެވެ.
އެހެން ބާވަތްތަކަށް ބަލާއިރު މިއަހަރު 100 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރު މި ބާވަތުން އެކްސްޕޯޓްކޮށްފައިވަނީ 16 މެޓްރިކް ޓަންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ ހުރިހައި ބާވަތްތަކެއް އިތުރުވެފައިވީނަމަވެސް ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ ދަށްވެފައެވެ. މިއަހަރުގެ ފުރަތަމަ 2 މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 750 މެޓްރިކް ޓަނުގެ މަހެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު އުޅުނީ 1306 މެޓްރިކް ޓަނުގައެވެ. އެހެންކަމުން މިއީ%42 ދަށްވުމެކެވެ.
ރާއްޖޭގެ މަސްވެރިކަން މިދިޔަ ދުވަސްތަކުގައި ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އަދި މިފްކޯއަށް މަސް ދޯނިތަކުން ކިރުވާ މަހުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އަދި މިހާރު 48 ގަޑިއިރުގެ ތެރޭގައި އޮޑިވެރިންނަށް ދަނީ ފައިސާވެސް ޖަމާކޮށްދެމުންނެވެ.