ދިރާސީ އަހަރު ޖެނުއަރީ މަހު ފަށާގޮތަށް ބަދަލުކުރައްވަނީ، އަހަރުގެ މެދު ތެރޭ ދިރާސީ އަހަރު ފަށާ ގޮތަށް މިދިޔަ ސަރުކާރުން ބަދަލުކުރުމުން ދަރިވަރުންނަށް ގެއްލުނު 6 މަސް ދުވަސް، އިޢާދަކުރެވޭނެގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާ ގާތުން މަޢުލޫމާތު ދިނުމަށް ކުރިއަށްގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަންނަ އަހަރު ދިރާސީ އައު އަހަރު ފަށާނީ ޖެނުއަރީ މަހުއެވެ.
އަހަރުގެ މެދު ތެރޭގައި ދިރާސީ އަހަރުގެ ކިޔެވުން ފަށާ ގޮތަށް ބަދަލުކުރީ ނިމިދިޔަ ސަރުކާރުގައެވެ. މީގެ ސަބަބުން ދަރިވަރުންގެ ކިޔެވުމުން 6 މަސް ދުވަސް ގެއްލުނެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންވެސް ފާޅުކުރިއެވެ. އެހެންކަމުން ކުރިން އޮންނަ ގޮތަށް ޖެނުއަރީ މަހު ދިރާސީ އަހަރު ފަށާގޮތަށް ބަދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވިއެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ސަރުކާރުން ގެނައި ބަދަލާއިގުޅިގެން ފަށާ ތަޢުލީމުގެ ހަޔާތުން 6 މަސް ދުވަސް ގެއްލުމާއެކު ދަރިވަރުންނަށް ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ފަށާ ޢުމުރާއި މަތީ ސާނަވީ ތަޢުލީމު ފަށާ ޢުމުރަށް ބަލާއިރު ޙަޔާތުން ގިނަ ދުވަސްތަކެއް ގެއްލޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޖެނުއަރީ މަހު ދިރާސީ އަހަރު ފަށާގޮތަށް ބަދަލުގެނައުމަށް ވަގުތު ނެގީ ކޮންޓެންޓް ފުރިހަމަކޮށް، އިމްތިހާނުތަކަށް ވަގުތު ދޭންޖެހޭތީ ކަމަށެވެ. އަދި ދަރިވަރުންގެ ތަޢުލީމީ ހަޔާތުން 6 މަސް ދުވަސް ގެއްލުނު ނަމަވެސް، އެ 6 މަސް ދުވަސް ވަކި ހިސާބަކަށްވުރެ ދަށް ގުރޭޑު ތަކުގެ ކުދިންނަށް އަނބުރާ ހޯދައިދެވި، އިޢާދަކުރެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ކިޔަވާ ދުވަސްވަރުގެ ޢުމުރުން ބައެއް ގެއްލިގެން އެއްވެސް ދައްޗެއް ދިމާނުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ޖެނުއަރީގައި ކިޔަވަން ފަށާ ގޮތަށް ބަދަލުކުރި ނަމަވެސް، އަހަރުގެ މެދު ތެރޭވެސް އަންނާނެ ޗުއްޓީއެއް. ޓޫރިޒަމްގައި މަސައްކަތްކުރާ ފަރާތްތަކަށް ޗުއްޓީ ލިބެނީ އެހާއިރަށް. އެ މީހުން ޢާއިލާއާއެކީ ވަގުތު ހޭދަކޮށްލަން ބޭނުންވޭ. އެހެންވީމަ އެކަމަށް ފަހިވާގޮތަށް އެކަށީގެންވާ ޗުއްޓީއެއް ލިބޭނެ. އެއްވެސް ބަޔަކަށް ގެއްލުން ނުވާގޮތަށް ބަދަލު ގެންނަނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ދިރާސީ އަހަރު އަހަރު މެދުތެރޭގައި ފަށާގޮތަށް ބަދަލު ގެނައުމުން، އެތައް މިލިޔަން ރުފިޔާއަކުން ދައުލަތަށް ގެއްލުންވިކަންވެސް ތަޢުލީމީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ. އެބަދަލާ ގުޅިގެން 1.5 ބިލިޔަން ރުފިޔާގެ ގެއްލުން ދިވެހި ދައުލަތަށް ލިބުނުކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވެފައިވެއެވެ.
މިހާރު އެކުލަވާލާފައިވާ އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ.