ޚަބަރު

ލޯނުގައި ކިޔަވާ ދަރިވަރުން ބޮޑު އަގުގައި ޑޮލަރު ގަންނަންޖެހޭ މައްސަލަ ހައްލުކޮށްދޭނަން: ރައީސް


  • ބޭންކު ރޭޓުގައި ޑޮލަރު ނުލިބުމަކީ ކިޔަވާ ދަރިވަރުންނަށް ދިމާވާ ދައްޗެއް

  • މިކަން ހައްލުކުރުމުގެ މަޝްވަރާތައް މިހާރު ވަނީ ފަށްޓަވާފައި

ލޯން ސްކީމްގެ ދަށުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންނަށް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އެޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާއި ބައްދަލުކުރެއްވުމަށް ޚާއްޝަ އިސްކަމެއް ދެއްވައެވެ. އަދި އެ ދަރިވަރުންނަށް ދިމާވާ ދަތިތައް އޮޅުން ފިލުއްވައި އެކަންކަމަށް ދަނީ ހައްލު ހޯދައިދެއްވަމުންނެވެ.

ރައްޔިތުންނާ ގާތުން މަޢުލޫމާތު ދިނުމަށް ކުރިއަށްގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ލޯން ނަގައިގެން ކިޔަވާ ދަރިވަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޢާންމު ބޭންކު ރޭޓުގައި ޑޮލަރު ނުލިބުން ކަމަށެވެ. އޭގެ ސަބަބުން އެ ކުދިންގެ ލޯނު ފައިސާއިން ބޮޑު އަދަދެއް ގެއްލޭކަން ރައީސް ފާހަގަކުރެއްވިއެވެ.

"ބްލެކު މާކެޓުގައި އެ ކުދިން ޑޮލަރު ހޯދަން މި ޖެހެނީ. އެހެންވެގެން އެކުދިންނަށް ބޮޑު ގެއްލުމެއް އެބަ ލިބޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލޯން ނަގައިގެން ކިޔަވާ ދަރިވަރުންގެ މި މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެ ގޮތުން މިކަމަށް ހައްލެއް ހޯދުމާއި މާލީ ވަޒީރާއި މަރުކަޒީ ބޭންކުގެ ގަވަރުނަރު ގުޅިގެން މަޝްވަރާތަކެއް ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިހާރު އެވަނީ ވަކި އަދަދަކަށް ޑޮލަރުން އާމްދަނީ ލިބޭނަމަ ޓޫރިޒަމް ސިނާޢަތުގެ ބޭފުޅުން ޑޮލަރު މާރުކުރުމަށް އަންގާފައި. އަދި ބްލެކު މާކެޓުން ކުންފުނިތަކުން ޑޮލަރު ގަތުން ހައްލުކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުން މިދަނީ. މި މަސައްކަތްތަކާއެކު ކިޔަވާ ކުދިންނަށްވެސް ޑޮލަރު ހަމަ އަގުގައި ލިބޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ދޫކުރާނީ ރާއްޖޭގެ މާކެޓަށް ގެއްލުން ނުވާނެ ގޮތަށްކަމަށެވެ. އަދި އެ ކުދިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަކީ މުހިންމު ކަމެއްކަމަށާއި، އެކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ލޯން ނަގައިގެން 1650 އެއްހާ ކުދިން އެކި ޤައުމުތަކުގައި ދަނީ މަތީ ތަޢުލީމު ޙާސިލުކުރަމުންނެވެ.