މިއަހަރުގެ އަމާޒަކީ ފަށާ ތައުލީމުގައި ހުރި މައްސަލަތައް ރަނގަޅުކޮށް ފާސްވާ ކުދިންގެ އަދަދު އިތުރުކުރުންކަމަށް ރައީސުލްޖުމްޙުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރިއަށްގެންދާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ތަޢުލީމީ ދާއިރާއަކީ ޤައުމު ބިނާކުރުމުގައި ކިޔަވައިގެން ތިބި ރައްޔިތުންތަކެއް ބިނާކުރުމަކީ މުހިންމު ކަމެއްކަމަށެވެ. އެ ދާއިރާއަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމަށާއި މިހާރު އެ ދާއިރާގައި ހުރި ކަންކަން ހައްލު ކުރެއްވުމަށްވެސް މަސައްކަތް ކުރައްވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގްރޭޑް 1ން ފެށިގެން 7އާއި ހަމައަށް ފަށާ ތަޢުލީމު ހާސިލްކުރާ ދަރިވަރުންގެ ތެރެއިން ދިވެހި އިނގިރޭސި އަދި ހިސާބު މާއްދާތަކުން ފާސްވާ ދަރިވަރުންގެ އަދަދު ދަށްކަން ފާއިތުވެދިޔަ އަހަރުތަކުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަން ހައްލުކުރެއްވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމަށާއި އެކަން ހައްލުކުރެވޭނީ ޓީޗަރުންގެ ފެންވަރު ރަނގަޅުކޮށް ކުދިންނަށް ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރެވޭނީ ފަށާ ތަޢުލީމުގެ ނަތީޖާ ރަނގަޅު ކުރެވިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ފަށާ ތައުލީމަށް ދޭންޖެހޭ އިސްކަން ކުރީގައި ނުދެވި އޮތް މައްސަލަ ހައްލު ކުރުމަށް ވަރަށް އިސްކަމެއް ދޭން މިހާރު މިވަނީ ފެށިފައި. އޭގެ ނަތީޖާ އެކަމަކު ފެންނަނީ އަދި ދުވަސްކޮޅެއް ފަހުން. އެއީ ކޮންމެ އަހަރަކުވެސް އޭގެ ޕްރޮގްރެސް ފެންނާނީ. މި ދަށްވެގެން ދިޔަ ދިޔުން ނިމުމަކަށް ގެނައުން މިއަހަރުގެ ޓާގެޓަކަށް ވާނީ. ދެން މިއަންނަ އަހަރު އެއަށްވުރެ ރަނގަޅުކުރުން،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި މިދިޔަ އަހަރުތަކުގައި ގްރޭޑް 7އިން ދަށުގެ ދަރިވަރުންގެ ތެރެއިން ދިވެހި އިނގިރޭސި އަދި ހިސާބު މާއްދާއިން ފާސްވާ ކުދިންގެ އަދަދު މަދުވުމުގެ ކަންބޮޑުވުމަކީ ތަޢުލީމީ ދާއިރާގެ ފަރާތްތަކުގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މީގެ ސަބަބުން މަތީ ތަޢުލީމުގެ ފެންވަރުންވެސް ދަށްވާކަން ފާހަގަކުރެވިފައިވާތީ އެކަމަށް ވީހާވެސް އަވަސް ހައްލެއް ހޯދުމަކީ ސަރުކާރުގެ ސިޔާސަތަކެވެ.
އޯލެވެލް އަދި އޭލެވެލްގެ ނަތީޖާ ރަނގަޅުކުރެވޭނީ ޕްރައިމަރީ ތައުލީމު ނުވަތަ ފަށާ ރަނގަޅުކޮށްގެންކަމަށާއި، އެކަމަށް އިސްކަންދީގެން މަސައްކަތްތަކެއް ފަށްޓަވާފައިވާކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.