ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި އެމަނިކުފާނުގެ ދަތުރުފުޅުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ. އެގޮތުން، އެމަނިކުފާނުގެ ދައުރުގެ ތެރޭގައި ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރުއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން މާލޭގެ މޭޔަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ ކުރިން މާލޭގެ ރައްޔިތުންގެ ގެތަކަށް ޒިޔާރަތް ކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންނެވި ކަމަށާއި އެވަޢުދު ފުއްދަވާފައިވާނެ ކަމަށެވެ. ހަމައެގޮތަށް ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުވެސް ފުއްދަވާނެ ކަމަށާއި، އެމަނިކުފާނު ފައްޓަވާފައިވާ ދަތުރުފުޅު މެދުކެނޑުމަކަށްފަހު އަންނަ މެއި މަހު އަލުން ފަށްޓަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ރޯދައަށް މެދުކަނޑާލީ. މިހާރުވެސް ވަރަށް ގިނަ ރަށްތަކަށް ދެވިއްޖެ. ދެން މި މަސްތެރޭގައި ދަތުރު ފަށަން އުޅުނު ނަމަވެސް އެކި ސަބަބުތަކާހުރެ އަދި ދަތުރުތައް ނުފެށޭ. އެކަމަކު އިރާދަކުރެއްވިއްޔާ މެއި މަސް ފެށޭ ތަނުން ދަތުރުތައް ފަށާނަން. ރާއްޖޭން ބޭރުގެ ދަތުރުތައްވެސް ހުންނާނެ. އެހެންވެ މިހާރު އަޅުގަނޑުގެ ޕްލޭނަކީ އޯގަސްޓް މަހުގެތެރޭ ކޮންމެވެސް ހިސާބެއްގައި ހުރިހާ ރަށަކަށް ގޮސް ނިންމޭތޯ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޯގަސްޓް މަހުގެ ނިޔަލަށް ދަތުރުތައް ނިންމަވާލެއްވުމަށް މިހާރު ތައްޔާރީތައް ނިމިފައިވާ ކަމަށެވެ. ދެން އެންމެ އަވަހަށް ދަތުރު ފަށްޓަވާނީ މ. މުލިން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެދަތުރުފުޅުގެ ތެރެއިން އެ ރަށުގެ އެއަރޕޯޓް ހުޅުއްވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މި ދަތުރުފުޅުތައް ކުރިއަށްދިޔަ ނަމަވެސް ރައްޔިތުންނާ މައުލޫމާތު ހިއްސާ ކުރެއްވުމަށް ފައްޓަވާފައިވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓް ކުރިއަށްގެންދަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.