ތަޢުލީމީ ދާއިރާގެ ޢުމްރާނީ މަސައްކަތުގެ ތެރެއިން 600 އަށްވުރެ ގިނަ މަޝްރޫޢު ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އޭގެތެރޭގައި ފަސް ސަތޭކައަށްވުރެ ގިނަ ކްލާސް ރޫމް ސްކޫލްތަކަށް އިތުރުކުރުން ހިމެނެއެވެ.
"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑް ޚާއްޞަކޮށްފައިވަނީ ތަޢުލީމީ ދާއިރާއަށެވެ. މި ޕޮޑްކާސްޓުގައި ސަރުކާރުގެ ސްކޫލްތަކުގައި މިވަގުތު 3740 ކްލާސްރޫމް ހުރިކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢއިްޒު ވަނީ ސްކޫލްތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރުވެސް އެކި ސްކޫލްތަކަށް 531 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ކްލާސްރޫމްތައް އިތުރުކުރުމުގެ މަސައްކަތުގެ އިތުރަށް 44 މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުމުގެ މަސައްކަތާއި 19 ސައިންސް ލެބް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ 10 ރަށެއްގައި ލައިބްރަރީ ތަރައްޤީކުރުމުގެ މަސައްކަތާއި 6 ރަށެއްގައި ކޮމްޕިއުޓަރ ލެބް އަދި 24 ސްޓާފް ރޫމެއް ތަރައްޤީކުރަމުންދާކަމަށެވެ.
ރައީސް ވަނީ ރަށްރަށުގެ އިތުރަށް މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ޖާގަ އިތުރުކުރުމުގެ މަސައްކަތާއި، އައު ސްކޫލްތައް އިމާރާތްކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.
"މަޖީދިއްޔާ ސްކޫލްގައި އައު އިމާރާތެއް އަޅަންޖެހޭ. މިމަހުގެ އެގްރީމަންޓްގައި ސޮއިކުރެވޭނެކަމަށް. މާލެގައި ދެވަނަ އޭލެވެލް ސްކޫލްއެއް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ. ހުޅުމާލޭގައި 2 ސްކޫލްއެއް އަޅަންޖެހޭ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 8 ސްކޫލް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެ މަޝްރޫޢުތަކަށް 70 މިލިޔަން ޑޮލަރުކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ތާޖުއްދީން ސްކޫލްއަށްވެސް ޖާގަ އިތުރުކުރުމަށް ނިންމާފައިވާކަމަށާއި، ޢަރަބިއްޔާ ސްކޫލްގެ މަސައްކަތްވެސް ނިންމާ 2027 ވަނަ އަހަރު ދިރާސީ އަހަރު އެ ސްކޫލްގައި ކިޔަވައިދޭން ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.