ކޮންމެ ދިރާސީ އަހަރެއް ފެށުމުގެ ކުރިންވެސް ސްކޫލްތަކުން ގިނަ ތައްޔާރީތަކެއްވެއެވެ. އޭގެ އިތުރުން ސްކޫލްތަކަށް ބޭނުންވާ އެކި ކަންކަން ފުރިހަމަކޮށްދިނުމުގައި ދިވެހި ސަރުކާރުންވެސް ކޮންމެ ފަހަރަކު ގިނަ މަސައްކަތްތަކެއް ކުރެއެވެ.
ދިރާސީ އައު އަހަރަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ކުރީގެ އަހަރުތަކަށް ބަލާއިރުވެސް ގިނަ ބަޔަކު ފާހަގަކުރާ އެއް ކަމަކީ ކިޔެވުން ފެށުމުގެ ކުރިން ބޭނުންވާ މިންވަރަށް ވަޞީލަތް ހަމަނުވާކަމެވެ. އަދި ސްކޫލްތަކުގައި ކުރާ ބައެއް މަރާމާތުގެ މަސައްކަތްތައްވެސް ފުރިހަމަ ނުވާކަމެވެ. ނަމަވެސް ކުރީ އަހަރުތަކާ ޚިލާފަށް ސްކޫލްތަކަށް ބޭނުންވާ ވަޞީލަތްތައް ފުރިހަމަވެ، މަރާމާތުގެ މަސައްކަތަށް މި އަހަރު ޚާއްސަ އިސްކަމެއް ދިންކަން ސަރުކާރުން ފާހަގަކުރެއްވިއެވެ.
ސްކޫލްތަކަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތައް ކުރުމަށް ސަރުކާރުން 15 މިލިޔަން ރުފިޔާ ވަނީ މިފަހަރު ހޭދަކުރައްވާފަައެވެ. މިއީ މި ކުރިން އެއްވެސް ސަރުކާރެއްގައި ހަމައެކަނި މަރާމާތަށް ހޭދަކޮށްފައި ނުވާ މިންވަރެކެވެ. މިއާއެކު ސްކޫލްތަކަށް ބޭނުންވާ ގިނަ މަރާމާތުގެ މަސައްކަތްތައް ނިމިފައިވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
މީގެ އިތުރުން މި ފަހަރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ސްކޫލްތަކަށް ބޭނުންވާ ވަޞީލަތްތަކަށް ފުރިހަމަކުރުމާއި ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ފޮތްތައް ހަމަކުރުމުގައި ސަރުކާރުން ދެއްވި އިސްކަމެވެ. އެ ގޮތުން ތަޢުލީމީ ވުޒާރާއިން ވަނީ ދަރިވަރުންގެ ފޮތްތައް ބެހުމުގެ މަސައްކަތް ވަރަށް ކުރިން ފަށްޓަވާފައެވެ. މިކަމުގެ ނަތީޖާއަކަށްވީ ކިޔެވުން ފެށުމުގެ ކުރިން ދަރިވަރުންގެ ފޮތްތައް ހަމަވި، މަދު އަހަރުތަކުގެ ތެރޭގައި މި އަހަރު ހިމެނުމެވެ.
ފޮތްތައް ހަމަކުރުމުގެ އިތުރުން ފޮތް ފޯރުކޮށްދިނުމުގައިވެސް ތަޢުލީމީ ވުޒާރާއިން މި ފަހަރު ގެންގުޅެފައިވަނީ ސްކޫލްތަކަށް ފަސޭހަވާނެ ފަދަ ތަފާތު އިންތިޒާމެވެ. އެ ގޮތުން ކީ ސްޓޭޖް 1 އަދި 2 ގެ ގުރޭޑުތަކަށް ބޭނުންވާ ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދީފައިވަނީ ކޮންމެ ކުއްޖަކުވެސް ކިޔަވާ މާއްދާތައް އެއް ކޮތަޅަކަށް އަޅައި ޕެކް ކުރުމަށްފަހުއެވެ. މީގެ ސަބަބުން ހަމައެކަނި ސްކޫލްތަކުން ޖެހޭނީ ކޮންމެ ދަރިވަރަކަށްވެސް ފޮތް ޕެކް ހަވާލުކޮށްލަންށެވެ. މިއީ ސްކޫލްތަކަށް ލިބޭނެ ބޮޑު ލުޔެއްކަން ޔަޤީނެވެ.
ދިރާސީ އަހަރުގެ ތައްޔާރީތަކުގެ އިތުރުން ފަށާ ތަޢުލީމުގެ ކުރިއެރުމަށް މަގު ފަހިކުރުމަށް ސަރުކާރުން ވަނީ މުހިންމު ނިންމެވުމެއް ނިންމަވާފައެވެ. އެއީ ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލުކުރުމެވެ. އަހަރުގެ މެދު ތެރޭގައި ދިރާސީ އަހަރުގެ ކިޔެވުން ފަށާ ގޮތަށް ބަދަލުކުރީ ނިމިދިޔަ ސަރުކާރުގައެވެ. މީގެ ސަބަބުން ދަރިވަރުންގެ ކިޔެވުމުން 6 މަސް ދުވަސް ގެއްލުނެވެ. މިކަންވީ ގިނަ ބައެއްގެ ކަންބޮޑުވުމަކަށެވެ.
މިދިޔަ ސަރުކާރުގެ މި ނިންމެވުމާއެކު ދަރިވަރުންނަށް ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. އެ ގޮތުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ފަށާ ޢުމުރާއި މަތީ ސާނަވީ ތަޢުލީމު ފަށާ ޢުމުރަށް ބަލާއިރު ޙަޔާތުން ގިނަ ދުވަސްތަކެއް ގެއްލޭކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރިވަރުންގެ ތަޢުލީމީ ހަޔާތުން 6 މަސް ދުވަސް ގެއްލުނު ނަމަވެސް، އެ 6 މަސް ދުވަސް ވަކި ހިސާބަކަށްވުރެ ދަށް ގުރޭޑު ތަކުގެ ކުދިންނަށް އަނބުރާ ހޯދައިދެވި، އިޢާދަކުރެވޭނެކަމަށް ވިދާޅުވެފައެވެ.
ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި ދަރިވަރުންނަށް ބޭނުންވާ ވަޞީލަތްތައް ހޯދައިދިނުމަށް ކުރި މަސައްކަތްތަކާއެކު މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވަނީ ފުރިހަމަ އިންތިޒާމުތަކެއްގެ ތެރެއިންނެވެ. ސްކޫލްތަކަށް ދިމާވާ އެކި ދަތިތައް ހައްލު ލިބިގެންނެވެ.