އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ލިވަޕޫލް އަށް ކުޅޭ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހު އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމަށް ދެ އަހަރު އިތުރުކޮށްފި އެވެ.
ސަލާހު ލިވަޕޫލް އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު އޭނާ ލިވަޕޫލް ދޫކޮށްލާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އަދި ދާދި ފަހުންވެސް ސަލާހު ވަނީ އޭނާ އަންނަ ސީޒަނުގައި ލިވަޕޫލް އިން ފެނިދާނެކަމާއިމެދު ސުވާލު އުފައްދާފަ އެވެ.
އުމުރުން 32 އަހަރު ސަލާހު ލިވަޕޫލް އާއިއެކު އިތުރު ދެ އަހަރުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކުރިއިރު އޭނާ ވަނީ މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި ލިވަޕޫލް އަށް 32 ލަނޑު ޖަހައިދީފަ އެވެ.
2017 ވަނަ އަހަރުގެ އިޓަލީގެ ރޯމާއިން ލިވަޕޫލް އާއި ގުޅުނު ސަލާހު ވަނީ އެ ޓީމަށް މިހާތަނަށް ކުޅެދިން 393 މެޗުގައި އެ ޓީމަށް 243 ލަނޑު ޖަހައިދީ 109 ލަނޑު ޖަހަން މަގު ތަނަވަސްކޮށްދީފަ އެވެ.
ލިވަޕޫލް އާއިއެކު އައު އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހު ސަލާހު ބުނެފައިވަނީ ލިވަޕޫލްގައި މަޑު ކުރުމަށް އިތުރު އެއްބަސްވުމެއްގައި ސޮއި ކުރެވުމުން އެކަމާ އުފާ ކުރާ ކަމަށެވެ.
"ލިވަޕޫލް އާއިއެކު އިތުރު އަހަރުތަކެއް ހޭދަކުރަން ލިބުމުން އެކަމާ ވަރަށް އުފާ ކުރަން. އަދި އުންމީދު ކުރަނީ މި ވަރުގަދަ ޓީމާއިއެކު އިތުރު މުބާރާތްތަކެއް ކާމިޔާބު ކުރުން. ސަލާހު ބުންޏެވެ.
"ލިވަޕޫލް ގައި އަހަރެން އަށް އަހަރު ހޭދަކޮށްފިން އަދި އިތުރު ދެ އަހަރު މަޑު ކުރަން ފުރުސަތު ލިބުމުން އެކަމާ އުފާ ކުރަން. މިއީ އަހަރެންގެ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރުތަކުގެ ގޮތުގައި ސިފަ ކުރަން." ސަލާހު އިތުރަށް ބުންޏެވެ.
ލިވަޕޫލް އިން ސަލާހު އާއިއެކު ހަދާފައިވާ އެއްބަސްވުން އައު ކޮށްފައިވާއިރު ޑިފެންޑަރ ވެން ޑައިކްގެ އެއްބަސްވުންވެސް އައު ކުރުމުގެ މަސައްކަތް ދެ ފަރާތުން ކުރިއަށް ގެންދާކަމަށް ވެން ޑައިކް ވަނީ ބުނެފަ އެވެ.
ނަމަވެސް ޑިފެންޑަރ އެލެކްޒެންޑަރ އާނޯލްޑްގެ އެއްބަސްވުމާއިމެދު ލިވަޕޫލް އިންވެސް އަދި ކުޅުންތެރިޔާގެ ފަރާތުންވެސް ކޮމެންޓެއް ލިބިފައެއް ނުވެއެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ކުރިއަށް އޮތް ސީޒަނުގައި އާނޯލްޑް ފެނިގެންދާނީ ސްޕެއިންގެ ރެއާލް މެޑްރިޑްއިންނެވެ.