ކުޅިވަރު

ބައިނަލްއަގުވާމީ ސްވިމިން ޕޫލެއް އެޅުމަކީ ލިބޭ ފަޚުރެއް: އަފީފް


އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލެއް ރާއްޖޭގައި އެޅުމަކީ ލިބިގެންދާ ފަޚުރެއް ކަމަށް އެ ޕޫލް ހަދިޔާކޮށްދެއްވި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފް ވިދާޅުވެއްޖެއެވެ.

އަލަށް ގާއިމު ކުރާ 50 މީޓަރުގެ ސްވިމިންގް ޕޫލުގެ ބިންގާ އެޅުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އަފީފް ވިދާޅުވީ މުސްތަގުބަލުގައި ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބާއްވަން ބަލާއިރު މި ފެންވަރުގެ ސްވިމިންގް ފޫލެއް ހެދިފަ ހުރުމަކީ ލިބޭ ފަހުރެއް ކަމަށެވެ.

" އަޅުގަނޑެކޭ ނުކިޔާނެ ކިޔާނީ ގައުމުގެއޭ އެހެންވީމަ އެއީ ގައުމަށް ލިބޭ ޝަރަފެއް، ފަހުރެއް، އެހެންވީމަ އަޅުގަނޑަށް ވަރަށް ބޮޑު އުފަލަކަށް ވަނީ." އަފީފް ވިދާޅުވިއެވެ.

މިއީ އޭނާގެ އަކެނި މަސައްކަތެއް ނޫން ކަމަށާއި މިއީ މުޅި ޗަމްޕާ އާއިލާގެ ފާރާތުން ދިވެހި ކުޅިވަރަށް ކޮއްދޭކަމެއް ކަމަށް އަފީފް ވިދާޅުވިއެވެ. އަފީފް ވަނީ މިހާރުގެ އެތުލީޓުން މި ފަދަ ވަސީލަތްތަކުގެ ބޭނުން ހިފައި ގައުމަށް ރީތި ނަން ހޯދައިދިނުމަށް އިލްތިމާސްކޮއްފައެވެ.

ހަތަރު ބުރިއަށް ހަދާ މި ސްވިމިން ކޮމްޕްލެކްސް ތައްޔާރުކުރެވިގެންދާނީ އެންމެ ޒަމާނީ ވަސީލަތްތަކާއި، ސްވިމިންގެ ތަމްރީންތަށް ކުރިއަށްގެންދެވޭ ގޮތަށެވެ. މި ކޮމްޕްލެކްސް ނިމިގެންދާއިރު 50 މީޓަރުގެ ޕޫލެއް އަދި 25 މީޓަރުގެ ޕޫލެއް ގާއިމުކުރެވިގެންދާނެއެވެ.

ބިންގާ އެޅިގެންދިޔަ ޕޫލަށް ބޭނުންވާ ހުރިހާ ސާމާނެއް ރާއްޖެއިން ބޭރުން ގެނެސްފަވާއިރު، މި މަސައްކަތް ނިމޭނެ ކަމަށް ސްވިމިންގ ސޯސިއޭޝަނުން އަންދާޒާކުރަނީ މި އަހަރުގެ ނޮވެންބަރު މަހުގައެވެ.