މިއަހަރު ނިމުމުގެ ކުރިން ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ފެށުމުގެ މަސައްކަތް ކުރަމުންދާކަމަށް ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީން ވިދާޅުވެއްޖެއެވެ.
ދާޚިލީ ވުޒާރާގެ ދަށުން މަސައްކަތް ކުރާ ގޮތަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީ" އުފެއްދެވީ މިދިޔަ އަހަރު މާރިޗު މަހުއެވެ. މިއިދާރާ އުފެއްދެވުމުގެ ބޭނުންތަކުގެ ތެރޭގައި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ފާރަވެރިވެ، ޤައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނެއެވެ. އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި ޢަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ސައިބަރ ދިފާޢީ ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވުމަށާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްކުރުމަކީވެސް މި އިދާރާ އުފެއްދުމުގެ މަޤްޞަދެކެވެ.
މިއިދާރާގެ އުފެދުމަށް ފަހު މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކުރެވިފައިވާ ސައިބަރި ސެކިއުރިޓީ އޭޖެންސީގެ ސީއީއޯ ޑރ. ނައުފަލް ޢަބްދުލްހާދީ ވިދާޅުވެއެވެ. ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑރ. ނައުފަލް ވިދާޅުވީ ރާއްޖޭގެ ޕަބްލިކް ސެކްޓަރއަށް ބަލާއިރު މިދާއިރާގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށެވެ. އެގޮތުން އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އިދާރާތައް އެއް މިންގަނޑަކަށް ޢަމަލުކުރަން ޤާނޫނީ އޮނިގަނޑެއް ނެތުންކަމަށް އޭނާ ވިދާޅުވިއެވެ.
ބޭރުގެ ފަންނީ އިދާރާތަކުގެ އެހީތެރިކަމާއެކު، ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް އެއިދާރާއިންކޮށް މިހާރު ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. ޑރ. ނައުފަލް ވިދާޅުވީ އަލަށް އަންނަ ޤާނޫނުގެ ސަބަބުން އިދާރާތަކުން ސައިބަރ ހާމަލާތަކުގެ މައުލޫމާތު އެއިދާރާއާއި ހިއްސާކުރުން ލާޒިމްވާނެ ކަމަށެވެ. އަދި އިދާރާތަކުން ވަކި މިންގަނޑެއް ހިފަހައްޓަންވެސް ލާޒިމްވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"ޤާނޫނީ ބާރުވެރިކަން ލިބުމުން، މޮނީޓަރިން ޕަބްލިކް ސެކްޓަރއަށް ލާޒިމްވާނެ. މާނައަކީ އަޅުގަނޑުމެންނަށް ފީޑް ދިނުން ލާޒިމްވާނެއޭ. ހަމައޭއާއެކު ކްރިޓިކަލް އިންފްރާސްޓަރަކްޗަރގައި އެބޭފުޅުންނަށް މެންޑޭޓަރީ ކަންތައްތަކެއް ހުންނާނެ. މިސާލަކަށް 2 އަހަރުން އެއްފަހަރު ޕެނިޓްރޭޝަން ޓެސްޓުތައް ހެދުމާއި އޮޑިޓްތައް ހެދުން. މިވަގުތު މަދު މުއައްސަސާއަކުން މި އޮޑިޓްތައް ހަދަނީ. " ޑރ. ނައުފަލް ވިދާޅުވިއެވެ.
އެއިދާރާ އުފެދުނު ފަހުން، މިހާރުވެސް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެއިދާރާގެ މިހާރު އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެ އެޖެންސީގެ ދަށުން ނޭޝަނަލް ސައިބަރ ސެކިއުރިޓީ ސެންޓަރ އޮޕަރޭޝަނަށް ގެނައުންކަމަށް އޭނާ ވިދާޅުވިއެވެ.
"ސެންޓަރ އުފައްދަނީ މައިކްރޮސޮފް، ގޫގުލް ކަހަލަ ބޮޑެތި ކުންފުނިތަކުގެ ތްރެޓް އިންޓެލިޖެންސް ލިބޭގޮތަށް. މީގެ ސަބަބުން އަސްލު ވިޒިބިލިޓީއެއް މި ލިބެނީ. މިއީ ޕަބްލިކް ސެކްޓަރ މުޢައްސަސާތަކުން އަޅުގަނޑުމެންނަށް އެބޭފުޅުންގެ ފީޑް ސިގްނަލްތައް ލިބުނީމަ އެނގޭނެ އެއަންނަ އެޓޭކްތައް. ޕްރޯއެކްޓިވްކޮށް އަޅުގަނޑުމެންނަށް ދާނެ އެކަންތައް ބެލެހެއްޓެމުން. އެކަހަލަ ސެންޓަރއެއް ޤާއިމްކުރުމުން 80 އިންސައްތަ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެން ދާނެ. " ނައުފަލް ވިދާޅުވިއެވެ.
މި ސެންޓަރުގެ މަސައްކަތް ބައްޓަންވެގެންދާނީ ސައިބަރ ހަމަލާތަކަށް އިޖާބަދީ، އެފަދަ ހަމަލާތަކާއި ގުޅޭގޮތުން ބޭރުގެ ފަރާތްތަކުން ދޭ މައުލޫމާތު އެއް އިދާރާއެއްގެ ދަށުން ބެލެހެއްޓުމެވެ.
ރާއްޖޭގެ ސައިބަރ ސެކިއުރިޓީ ދާއިރާ ހަރުދަނާ ކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. ސަރުކާރުން މިފަދަ މައްސަލަތައް ހައްލު ގެނައުމަށް ޤާނޫނަށް ބަދަލު ގެނެސް، ސައިބަރ މާހައުލުގައި ކުރެވޭ ކުށްތަކަކީ ޖިނާޢީ ކުށްތަކުގެ ގޮތުގައި ޤާނޫނުގައި ވަނީ ހިމަނާފައެވެ.