އަތޮޅުތައް

ފުވައްމުލަކު އަތޮޅު ކައުންސިލުން ޤުރުއާން މުބާރާތެއް ފައްޓަވައިފި


ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމް ކުރައްވައިގެން ބާއްވަވާ ޤުރުއާން ކިޔެވުމުގެ  މުބާރާތެއް މިއަދު ފަށްޓަވައިފިއެވެ.

ފުވައްމުލަކު އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިޔަށް ގެންދަވާ މި މުބާރާތުގައި އެރަށު 6 ސްކޫލަކުން ބައިވެރިވެފައިވެއެވެ. އަދި ދަޑިމަގު ކައުންސިލާއި މިސްކިތްމަގު އެންމެންގެ ގުޅުމުންވެސް މި މުބާރާތުގައި ބައިވެރިވެއެވެ. 7ތް ޢުމުރުފުރައަކަށް ބައްސަވާލައްވައިގެން ބާއްވަވާ މި މުބާރާތުގައި 116 ބައިވެރިން ވާދަކުރެއެވެ.

ތިންދުވަހުގެ މުއްދަތައް ކުރިއަށްގެންދަވާ މި މުބާރާތް ބާއްވަވަނީ ރޯސް ލައިން ފުވައްމުލަކު ފަސްވަނަ ޤުރުއާން މުބާރާތުގެ ނަމުގައެވެ. ރޯސް ލައިންއިން ވަނީ ކުރިއަށްއޮތް 5 އަހަރަށް މި މުބާރާތް ސްޕޮންސަރ ކޮށްފައެވެ. މި މުބާރާތުން ވަނަވަނަ ހޯދާ ފަރާތްތަކާއި މުބާރާތް އަޑުއަހަން އަންނަ ފަރާތްތަކުގެ ތެރެއިން ޤުރުއަތުން ހޮވޭ ފަރާތްތަކަށް ޚާއްޞަ އިނާމްތަކެއް ދެއްވުމަށް ހަމަޖެހިފައިވާކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.

މި ޤުރުއާން މުބާރާތް ފެށްޓެވުމުގެ ރަސްމިއްޔާތުގައި ފުވައްމުލަކު އަތޮޅު ކައުންސިންގެ ރައީސް އަބްދުﷲ ފަލާޙް ދެއްކެވި ވާހަކަފުޅުގައި، މި މުބާރާތުގެ އިތުރުން ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި މި މުބާރާތަކީ ހަމައެކަނި ބޭއްވޭ ޤުރުއާން މުބާރާތެއް ނޫން ކަމަށާއި މިފަދަ މުބާރާތްތައް ބޭއްވުމުގެ މަޤްޞަދަކީ ޤުރުއާނަށް ލޯބި ޖެއްސުމާއި ޤުރުއާނުގެ ޢިލްމް ފެތުރުން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކައުންސިލުން ދެކޭގޮތުގައި ކީރިތި ޤުރުއާނުގެ އިލްމު އުނގެނި އެދާއިރާއިން ކުރިއަށްދާ، ފުވައްމުލަކުގެ ކޮންމެ ދަރިއަކީ އަލިގަދަ ތަރިއެއްކަމަަށް އެ ކައުންސިލުން ބަލައިގަންނާނެކަމަށްވެސް ފަލާޙް ވިދާޅުވިއެވެ.