ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓު ހޯދުމަށް މީގެ ކުރިން ކުރި ޢިއުލާން ބާތިލްކޮށް އަލުން ޢިއުލާންކޮށްފިއެވެ.
އެކުންފުނިން ވައިޑް ބޮޑީ ހޯދުމަށް ދެވަނަ ފަހަރަށް ޢިއުލާންކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހު ކުރި ޢިއުލާން ބާޠިލް ކުރުމަށްފަހުއެވެ. މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، މޯލްޑިވިއަނުން ވިދާޅުވީ މަތިންދާބޯޓު ހޯދުމަށް އަލުން އިއުލާންކޮށްފައިވަނީ، މިހާރު ލިބިފައިވާ ހުށަހެޅުންތަކުގެ އިތުރަށް، މިކަމަށް ޝައުޤުވެރިވާ އެހެން ފަރާތްތަކެއް ހޯދުމަށެވެ.
ޤައުމީ އެއަރލައިން ހިންގާ އައިލޭންޑް އެވިއޭޝަނަށް ވައިޑް ބޮޑީ ދެވަނަ މަތިންބޯޓު ފޯރުކޮށްދިނުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިކަމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.
މޯލްޑިވިއަންއިން ހޯދަން އިއުލާންކޮށްފައިވަނީ މިހާރުވެސް ބޭނުންކުރަމުން އަންނަ އެއަރބަސް އޭ330-200 މަރުކާގެ މަތިންދާ ބޯޓެކެވެ. އަދި އެ މަތިންދާބޯޓު ކުއްޔަށް ނަގާނީ 5 އަހަރުގެ ދުވަހުގެ މުއްދަތައްކަމަށްވެސް އެކަމާއި ގުޅޭ އިޢުލާނުގައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް މޯލްޑިވިއަންގެ ދަތުރުތަކުގައި ބޭނުންކުރުމަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނައީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ. އެއީ 264 މީހުންގެ ޖާގައިގެން ބޯޓެކެވެ.
މި ވައިޑް-ބޮޑީ މަތިންދާބޯޓާއެކު އެ އެއަރލައިންގެ ސީދާ ދަތުރުތައް ވަނީ ޗައިނާގެ 3 ސިޓީއަކަށް ފަށާފައެވެ. އެއީ ބެއިޖިން، ޝަންހާއީ އަދި ޗެންގްޑޫއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މޯލްޑިވިއަންއަށް ގެންނަ ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓާއެކު އެ އެއަރލައިންގެ ދަތުރުތައް ޔޫރަޕްގެ މަންޒިލްތަކަށް ފެށިގެންދާނެކަމަށެވެ. މި ދަތުރުތައް މިއަހަރު އޮކްޓޯބަރު މަހު ފެށުމަކީ ސަރުކާރުގެ ޢަމާޒެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވައިޑް-ބޮޑީ މަތިންދާބޯޓުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައްވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. ޚާއްސަ ގޮތެއްގައި ދުރު މަންޒިލްތަކަށް ސީދާ ދަތުރުތައް ފެށުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.