ޚަބަރު

އޭޝިއާގެ 18 އަހަރުން ދަށުގެ އެތުލެޓިކްސް މުބާރާތަށް ރާއްޖޭގެ އެތުލީޓުން ސައުދީއަށް


އޭޝިއާގެ 18 އަހަރުން ދަށުގެ އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ރާއްޖޭގެ އެތުލީޓުން ސައުދީ އަރަބިއްޔާއަށް ހިނގައްޖެއެވެ.

މި މުބާރާތުގައި ރާއްޖޭން ވާދަކުރާ ޓީމުގައި ހިމެނެނީ 2 ފިރިހެން އެތުލީޓުންނާއި 3 އަންހެން އެތުލީޓުންނެވެ. މި ބައިވެރިން ސައުދީ އަރައްބިއްޔާއަށް ފުރާފައިވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ.

މި މުބާރާތުގައި ރާއްޖޭން ވާދަކުރާ ފިރިހެން އެތުލީޓުންގެ ތެރޭގައި ހިމެނެނީ 100 މީޓަރާއި 200 މީޓަރު ދުވުމުގައި ބައިވެރިވާ އަހުނަފު ރައްޔާން ފަހުމީ އާއި، ހައި ޖަމްޕުގައި ބައިވެރިވާ ޔޫސުފް ނާއިކް ވަޖީހެވެ.

އަދި އަންހެން އެތުލީޓުންގެ ތެރޭގައި ހިމެނެނީ 200 މީޓަރު އަދި 400 މީޓަރު ދުވުމުގައި ބައިވެރިވާ އައިމިނަތު ލުހްޔާ އަހުމަދާއި، 100 މީޓަރު އަދި 200 މީޓަރު ދުވުމުގައި ބައިވެރިވާ ރައިން މުޙައްމަދު އަދި 800 މީޓަރާއި 1500 މީޓަރު ދުވުމުގައި ބައިވެރިވާ ޒީކް އަޝްރަފް ރަޝީދެވެ.

މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 15 އިން 18 ގެ ނިޔަލަށް ސައުދީ އަރަބިއްޔާގެ ދައްމާމްގައެވެ. މި މުބާރާތުގައި ޖުމްލަ 24 ގައުމަކުން އެތުލީޓުން ބައިވެރިވެއެވެ.

އެންމެ ފަހުން އޭޝިއާގެ 18 އަހަރުން ދަށުގެ އެތުލެޓިކްސް ޗެމްޕިއަންޝިޕް ބޭއްވީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު އުޒްބަކިސްތާނުގައެވެ.