ޚަބަރު

އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެންވެސް ވެންޓިލޭޓަރުތަކުގެ ފައިސާއަށް ވީގޮތް ހޯދަންޖެހޭ: ނާޒިމް


  • ވެންޓިލޭޓަރު މައްސަލާގައި އާބިޓްރޭޝަންގެ ތެރެއިން ހައްލެއް ނުލިބުނު

  • މި މައްސަލާގައި ރެޑް ނޯޓިސް ނެރުމަށް ފުލުހުންގެ ކިބައިން އެދިފައިވާކަމަށް ނާޒިމް ވިދާޅުވި

ކޯވިޑްގެ ދުވަސްވަރު ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ހަވާލުކުރި ދުބާއީ ކުންފުނީގެ ވެރިޔާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެދެއްވުމަށް ފުލުހުންގެ ކިބައިން އެދިފައިވާކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި މާލިއްޔަތު ކޮމިޓީގެ މެމްބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކޯވިޑު 19ގެ ދުވަސްވަރު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏަކާއެކު ރާއްޖެއަށް ވެންޓިލޭޓަރު ހޯދުމަށް އެއްބަސްވުމެއް އެކުލަވާލިއެވެ. އެގޮތުން 75 ވެންޓިލޭޓަރު ރާއްޖެ ހޯދުމަށް ނިމިދިޔަ ސަރުކާރުން އެ ކުންފުންޏަށް 34 މިލިޔަން ރުފިޔާ ދީފައިވެއެވެ. ނަމަވެސް، އެ ކުންފުނިން ފޯރުކޮށްދިނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ ވެންޓިލޭޓަރުތައް އެކުންފުނިން ފޯރުކޮށްދީފައިނުވާއިރު، ވެންޓިލޭޓަރު ގަތުމަށް ދީފައިވާ ފައިސާވެސް މިހާތަނަށް އައިއިރު ދައުލަތަށް ލިބިފައެއް ނުވެއެވެ.

ދައުލަތަށް ގެއްލިފައިވާ ފައިސާގެ އެކި މައްސަލަތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި އާބިޓްރޭޝަންގެ ތެރެއިން ދުބާއީ ކުންފުންޏާއި ވާހަކަ ދައްކައިގެން އެދެވޭ ހައްލެއް ލިބިފައިނުވާއިރު، މިހާތަނަށް އައިއިރު ކުންފުނީގެ ވެރިޔާވެސް ނުހޯދުނުކަމަށެވެ. އެހެންކަމުން އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެގެން ކުންފުނީގެ ވެރިޔާ ހޯދައި، އެ ފައިސާއަށް ވީ ގޮތެއް ހޯދަން މަސައްކަތްކުރުމަށް މިހާރު ފުލުހުންގެ ގާތުގައި އެދިފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

"ރެޑް ނޯޓިސް ނެރޭ ހިސާބުން އޯނަރު ފެންނާނެ. އެ މީހާ އަތުވީމަ ފައިސާއަށް ހެދި ގޮތަކާއި ބަޔަކަށް ދިނިއްޔާ އެ ޓްރޭސްވެސް ކުރެވޭނީ. އެ މަގުން އެ ކަން ކުރުމަށް އަޅުގަނޑުމެން ވާނީ ދަންނަވާފައި." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ދައުލަތަށް ގެއްލޭ ފައިސާ ހޯދަން އެސެޓް ރިކަވަރީ ޤާނޫނު ވީ އެންމެ އަވަހަކަށް ފާސްކޮށް، ތަންފީޒުކުރަންޖެހޭކަމަށެވެ.

ނިމިދިޔަ ސަރުކާރުގެ ފެންމަތިވި ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލާގައި ބައެއް މުއައްސަސާތަކުގެ އިދާރީ މުވައްޒަފުންނަށް ފިޔަވަޅު އަޅާފައިވީނަމަވެސް، އެމަސައްކަތުގައި އިސްކޮށް އުޅުނު އެއްވެސް އޮފިޝަލަކަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ. އަދި އެ މައްސަލާގައި ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލަން ފުލުހުން މަސައްކަތްކުރިނަމަވެސް، އޭރު ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި ހުސައިން ޝަމީމް ވަނީ ދައުވާނުކޮށް، އެ މަައްސަލަތައް އަނބުރާ ފޮނުވާލާފައެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގެ އިތުރުންވެސް ކޮރަޕްޝަނާއި މަޤާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދައުލަތުގެ އެތައް މިލިޔަން ރުފިޔާއަކަށް ހިޔާނާތްތެރިވި މައްސަލަތައް ނިމިދިޔަ ސަރުކާރުގައި ފެންމަތިވެފައިވެއެވެ.