ޚަބަރު

ވިޔަފާރި އެހީ ލޯން: 6 މަހަށްވުރެ ގިނަ ދުވަހު ވިޔަފާރި ކުރަމުންގެންދާ ފަރާތްތަކަށް އެދެވޭނެ


  • ލޯނު ސްކީމްގެ ދަށުން އެންމެ ގިނަވެގެން ނެގޭނީ 1.5 މިލިޔަން ރުފިޔާ

  • ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން 5 އަހަރު ދޭނެ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ "ވިޔަފާރި އެހީ" ލޯނަށް މެދުކެނޑުމެއްނެތި 6 މަސްދުވަހަށް ވުރެ ގިނަ ދުވަހު ވިޔަފާރި ކުރަމުންގެންދާ ފަރާތްތަކަށް އެދެވޭނެކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ވިޔަފާރި އެހީ ލޯނަކީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އެސްޑީއެފްސީން ތަޢާރަފުކޮށްފައިވާ ލޯނެކެވެ. މިލޯނަކީ ދުވަހުން ދުވަހަށް ދިމާވާ ފައިސާގެ ދަތިތަކުން އަރައިގަތުމަށް އޮތް ހައްލެއްކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ.

އެސްޑީއެފްސީއިން ވިދާޅުވީ، ވޭތުވެދިޔަ 6 މަސްދުވަހު މެދުކެނޑުމެއްނެތި ވިޔަފާރުކުރަމުންދާ ކޮންމެ ފަރާތަކަށްވެސް މި ލޯނަށް އެދި ހުށަހެޅޭނެ ގޮތަށް ބަދަލުކޮށްފައިވާކަމަށެވެ. މީގެ ކުރިން މި ލޯނަށް އެދި ހުށަހެޅޭނީ ވޭތުވެދިޔަ 1 އަހަރު ދުވަސްވަންދެން މެދުކެނޑުމެއްނެތި ވިޔަފާރުކުރަމުންދާ ފަރާތްތަށެވެ. އަދި މިގޮތަށް ބަދަލުކޮށްފައިވަނީ މި ލޯނަށް ގިނަ ބަޔެއްގެ ތަރުހީބު ލިބިފައިވުމުގެ ސަބަބުން ވީހާވެސް ގިނަ މީހުންނަށް އެފުރުޞަތު ދިނުމަށްކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

އެސްޑީއެފްސީގެ ވެބްސައިޓުން ލޯނަށް އެދި ހުށަހެޅޭނެ ކަމަށާއި، "ވިޔަފާރި އެހީ" ލޯނު ސްކީމްގެ ދަށުން އެންމެ ގިނަވެގެން ނެގޭނީ 1.5 މިލިޔަން ރުފިޔާކަމަށް އެސްޑީއެފްސީއިން ވިދާޅުވެއެވެ.

ވިޔަފާރި އެހީއަށް ލޯނުގެ އަދަދު 700،000 ރުފިޔާއަށްވުރެ މަތިވާނަމަ ރަހުނެއް ދައްކަން ޖެހޭނެއެވެ. އަދި އިންޓްރެސްޓް ރޭޓުގެ ގޮތުގައި އަހަރަކު %9.5 އިތުރުވާނެއެވެ. މީގެއިތުރުން ގްރޭސް ޕީރިއަޑްގެ ގޮތުގައި ގިނަވެގެން 6 މަސް ދުވަސް ދޭއިރު، ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން 5 އަހަރު ދޭނެކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ.

އެސްޑީއެފްސީއަކީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް މުޅިން އަލަށް ފެށުމަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމަށާއި ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި 2019 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.