ފެނަކައިގެ އައްޑޫ ސިޓީ، ސ.ހިތަދޫ ސެންޓްރަލް ޕަވަރ ސްޓޭޝަން ޕްރޮޖެކްޓަށް ޕެޓީކޭޝް ފައިސާގެ ގޮތުގައި ދޫކޮށްފައިވާ 6 ލައްކައަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
މިމައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމުގައި އޭރު ހުރި ސ.ފޭދޫ ހަސީނީވިލާ އަޙްމަދު ސާތިޝް ސަޢީދާއި، ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ސީނިއަރ އިންޖިނިއަރގެ މަޤާމުގައި އޭރު ހުރި ތ.ތިމަރަފުށީ ނިރޮޅުމާގެ މުޙައްމަދު ޢާޞިދާއި، ސުޕަވައިޒަރެއްގެ މަޤާމުގައި އޭރު ހުރި ސ.ފޭދޫ ފަޅޯމާގޭ ޙުސައިން އާސިރުގެ މައްޗަށެވެ.
ފެނަކައިގެ އައްޑޫ ސިޓީ، ސ.ހިތަދޫ ސެންޓްރަލް ޕަވަރ ސްޓޭޝަން، ޕްރޮޖެކްޓުގެ ޕެޓީކޭޝް ފައިސާގެ ގޮތުގައި ފެނަކައިން ދޫކޮށްފައިވާ ފައިސާ، އެ ކުންފުނީގެ ޕެޓީ ކޭޝް ބެލެހެއްޓުމާ ބެހޭ ގަވާއިދާ ޚިލާފަށް އަމިއްލަ ބޭނުންތަކަށް، އަޙްމަދު ސާތިޝް ސަޢީދާއި، މުޙައްމަދު ޢާޞިދާއި، ޙުސައިން އާސިރު ބޭނުންކޮށްފައިވާކަމަށް އޭސީސީން ވިދާޅުވެއެވެ. މިމައްސަލައިގައި ހިމެނޭ
623,208.80 ރުފިޔާ އަނބުރައި ހޯދުމަށް އޭސީސީން ވަނީ ފެނަކައަށް އަންގާފައެވެ.
މި މައްސަލައިގައި މިމީހުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ކުށެއްކުރަން އެދުމުގެ ކުށުގެ ދަޢުވާއާއި، ކުށެއްކުރަން ރޭވުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ފޯޖަރީގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ފާހަގަކުރެވޭތީ، އެކަން ތަޙުޤީޤުކޮށްދެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ފޮނުވުމަށްވެސް އޭސީސީން ވަނީ ނިންމާފައެވެ.
ފެނަކަ ކުންފުނީގެ ޕެޓީކޭޝަށް ޚިޔާނާތްތެރިވި މައްސަލައެއް ޕީޖީއަށް ފޮނުވާފައިވާއިރު، އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަދި ކުރީގެ ޗީފް އެކައުންޓެންޓު އޮޅުވާލައިގެން ނުއަގުގައި އައިސް ޕްލާންޓެއް ގަތް މައްސަލައެއްވެސް ތަހުޤީޤުކޮށް އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.