މި މަހުގެ 10 ވަނަ ދުވަހު އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ކުލަބު ޔުވެންޓަސްގެ ޓީމެއް އެކި ގައުމުތަކުން ސަޕޯޓަރުން އެއްކޮށްގެން ރާއްޖެއަށް އައީ އެ ކުލަބުގެ 127 ވަނަ އަހަރީ ދުވަސް ނުހަނު ކުލަގަދަކޮށް ފާހަގަކުރުމަށެވެ. ޔުވެންޓަސްއަށް ކުރިން ކުޅުނު މަޝްހޫރު މިޑްފީލްޑަރު އެޑްގާ ޑާވިޑްސް އާއެކު އދ. މަހިބަދޫއަށް ޔުވެންޓަސްގެ ސަޕޯޓަރުން ގޮވައިގެން އައި ޓީމު ފޭބީ ރަތްދޫލައިގައެވެ. އެ ޓީމަށް އެރަށުގެ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރުން މަހިބަދޫއިން ކީ މެހެމާންދާރީއަކީ ޔުވެންޓަސްއަށް ހަނދާނުން ފޮހެލެވޭނެ ކަމެއް ނޫނެވެ.
ޔުވެންޓަސްއިން އެ ކުލަބުގެ 127 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ޔުވެންޓަސް އެކްސްޓްރީމް ފީލްޑްސް" ގެ ނަމުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން މަހިބަދޫގައި ހާއްސަ ފުޓްބޯޅަ މެޗެއްވެސް ބޭއްވިއެވެ. މިމަހުގެ 12 ވަނަ ދުވަހު ބޭއްވި މި މެޗުގައި ޔުވެންޓަސްގެ ކުރީގެ ފުޓްބޯޅަ ތަރި، ނެދަލަންޑްސްގެ މަޝްހޫރު މިޑްފީލްޑަރ އެޑްގާ ޑާވިޑްސް ވެސް ބައިވެރިވިއެވެ.
އެ ފުޓްބޯޅަ މެޗުބައްލަވާލެއްވުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުރުންތެރިޔާ އަހުމަދު ތާރިޤް (ޓޮމް) ވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު މުހައްމަދު އިމްރާން (އިންމަ) އާއި ބައެއް ފުޓްބޯޅަ ކުޅުންތެރިން ބައިވެރިވިއެވެ.
ޑާވިޑްސް އާއި އެކު މަހިބަދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ތާރީހީ ފުޓްބޯޅަ މެޗުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން ސަމޫހް އަލީވެސް ކުޅުނެވެ. މީގެ އިތުރުން މަހިބަދޫގެ އިތުރު ހަތަރު މީހެއް އެ މެޗުގައި ބައިވެރިވިއިރު ދެން ބައިވެރިވީ ޔުވެންޓަސްއިން އެކި ގައުމުތަކުގައި ތިބި އެކުލަބުގެ ސަޕޯޓަރުންނަށް ހުޅުވާލި ފުރުސަތުގައި އެފުރުސަތަށް އެދުނު ފޭނުންގެ ތެރެއިން ހޮވާލެވުނު ބަޔެކެވެ.
ޔުވެންޓަސްއިން އަހަރީ ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ތިން ތަނެއް ކަނޑައެޅިއިރު، މި ފުރުސަތު މަހިބަދުއަށް ލިބުނީ ރާއްޖޭގެ ފުޓްބޯޅަ ދަނޑުތަކުގެ ފޮޓޯ އާއި ވީޑިއޯ އިންސްޓަރގްރާމްގައި ހިއްސާކުރާ ރާއްޖޭގެ ފުޓްބޯޅަ ކޮންޓެންޓް ކްރިއޭޓަރ، މަހިބަދޫ މުހައްމަދު ނައުޝާދުގެ ސަބަބުންނެވެ.
އޭނާއަށް ސީދާ ގުޅައިގެން ޔުވެންޓަސްއިން ރާއްޖެ އަންނަ ހަމަޖައްސާ މަހިބަދޫ ފުޓްބޯޅަ ދަނޑު ކަމަށްވާ ޕެލޭ ސްޓޭޑިއަމްގައި ހާއްސަ ފުޓްބޯޅަ މެޗު ކުޅުމުގެ އިންތިޒާމްތަ ހަމަޖެއްސިއިރު ނައުޝާދު ބުނީ ޔުވެންޓަސްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކަށް ވަރަށް ބޮޑު އެއްބާރުލުމެއް ރަށުން ލިބުނު ކަމަށެވެ.
'ޕީއެސްއެމް ނިއުސް' އަށް މައުލޫމާތު ދެމުން ނައުޝާދު ބުނީ ޔުވެންޓަސްގެ އަހަރީ ދުވަސް ފާހަގަ ކުރަން އައި ޓީމުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށެވެ. އެކަން ޔުވެންޓަސްއިން ސޯޝަލް މީޑީއާގައިވެސް ދަނީ ހާމަކުރަމުންނެވެ.
ރާއްޖޭގެ ރީތިކަމާއި، މަހިބަދޫ ޕެލޭ ސްޓޭޑިއަމްގައި ކުޅެވިގެން ދިޔަ ހާއްސަ ފުޓްބޯޅަ މެޗާއި މަހިބަދޫ ރައްޔިތުންނާއި އެކު ކުރިޔަށް ދިޔަ އެކި ހަރަކާތްތަކާއި މެދުވެސް ޔުވެންޓަސްގެ ޓީމުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.
ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމް އިތުރަށް ފުޅާވުމަށް މި ދަތުރުގެ ސަބަބުން މަގުފަހިވި އިރު ޔުވެންޓަސްއިން ސިފަކުރާ ގޮތުގައި މަހިބަދޫއަށް މި ކުރެވުނު ދަތުރަކީ ދުނިޔެމަތީގެ ސުވަރުގެއަށް އާދެވުމެވެ.
މިކަމުގައި މަހިބަދޫ ކައުންސިލާއި ޑަބްލިއުޑީސީން ވަނީ ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުން ދީފައި ކަމަށް ނައުޝާދު ފާހަގަ ކުރިއެވެ.
ޔުވެންޓަސްގެ އަހަރީ ދުވަހަކީ 1 ނޮވެމްބަރެވެ. އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން އެކުލަބުން ކުލަ ގަދަކޮށް އަހަރީ ދުވަސް ފާހަގަކުރުމުން ކަނޑައެޅީ ދުނިޔޭގެ ތިން މަންޒިލެކެވެ. އެއީ މަހިބަދޫގެ އިތުރުން ޑެންމާކް އަދި ނިއުޔޯކް އެވެ.
ޔުވެންޓަސްގެ 127 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ރާއްޖެއައި ޑާވިޑްސްއަކީ ނެދަލޭންޑްސްގެ ގައުމީ ޓީމުގެ އިތުރުން ޔުވެންޓަސް، އަޔަކްސް، އޭސީ މިލާން، ބާސެލޯނާ އަދި ޓޮޓްނަމް ހޮޓްސްޕާސްއަށް ކުޅުނު މަޝްހޫރު ކުޅުންތެރިއެވެ.