ކުޅިވަރު

ސްވިމިން ޕޫލަކީ ސްޕޯޓްސް ޓޫރިޒަމަށް މުހިންމު ވަސީލަތެއް


ރާއްޖޭގައި ގާއިމުކުރަމަށް މިހާރު މަސައްކަތް ކުރަމުންދާ އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލް ވެގެންދާނީ ސްޕޯޓްސް ޓޫރިޒަމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ރާފިޢު ވިދާޅުވީ މުސްތަގުބަލުގައި އަވައްޓެރި ގައުމުތަކުން އެކި މުބާރާތްތަކަށް ތަމްރީން ހޯދުމަށް އެ ސްވިމިން ޕޫލްގެ ބޭނުން ހިފާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

އަދި މިއީ ރާއްޖެ އާއި އަވައްޓެރި ގައުމުތަކަށް ލިބިގެންދާނެ ދުނިޔޭގެ ފެންވަރުގެ ވަސީލަތަކަށް ވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންވެއްޖިޔާ ރާއްޖޭގެ މާހައުލާ އަދި މި ވަރުގެ ފެސިލިޓީއަކާ މިވަރުގެ ކޮމްބިނޭޝަނަކީ ހަމަ ކައިރި ގައުމުތަކަށްވެސް އަޅުގަނޑުމެންނަށްވެސް މި ވަސީލަތްތައް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިވިގެންދާނެ." ރާފިއު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކުޅިވަރުގެ ތެރެއިން ފަތުރުވެރިކަން ކުރިއަރުވަން ކުރަންޖެހޭ މަސައްކަތްތައް މީގެތެރެއިން ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރާއްޖޭގެ ފެތުންތެރިން މަސައްކަތް ކުރަމުން ދަނީ 2028 އަހަރު އެމެރިކާގައި އޮންނަ އޮލިމްޕިކްސްއަށް ކޮލިފައިވުމަށް ކަމަށް މީގެ ކުރިން ސްވިމިން އެސޯސިއޭޝަނުން ވާނީ ހާމަކޮށްފައެވެ. އެ އަމާޒަށް ވާސިލުވުމަށް މި ޕޫލް ވެގެންދާނީ މުހިންމު ވަސީލަތަކަށެވެ. އެސޯސިއޭޝަނުގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރު މަހު ގައުމީ މުބާރާތް އައު ޕޫލްގައި ބޭއްވުމެވެ.