ޚަބަރު

ރެއާލް މެޑްރިޑް ބަލިކޮށް އާސެނަލް ސެމީ ފައިނަލަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ޖާގައެއް އާސެނަލްއިން ހޯދައިފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އާސެނަލްއިން ހޯދާފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން އަދި މި މުބާރާތް 15 ފަހަރު މަތިން ކާމިޔާބުކޮށްފައިވާ ސްޕެއިންގެ ރެއާލް މެޑްރިޑް 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހުގައެވެ.

ފުރަތަމަ ލެގުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބު ކުރުމަށްފަހު ރޭ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އަށް ވަނީ ލީޑު ނަގަން ރަގަޅު ފުރުސަތެއް ލިބިފަ އެވެ.

އެގޮތުން މެޗުގެ 13 ވަނަ މިނިޓުގައި އާސެނަލް އަށް ލިބުނު ޕެނަލްޓީއެއް އިނގިރޭސިވިލާތުގެ ފޯވަޑް ބުކަޔޯ ސަކާ ފޮނުވާލިއިރު ރެއާލް މެޑްރިޑްގެ ކީޕަރު ތިބާ ކޯޓުއާ ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.

އާސެނަލް އަށް ލިބުނު ޕެނަލްޓީއަށްފަހު މި މެޗުގެ ފުރަތަމަ ހާފުގައި ރެފްރީ ވަނީ ރެއާލް މެޑްރިޑްގެ ފޯވަޑް ކިލިއަން އެމްބާޕޭއަށް ޑެކްލަން ރައިސް ފައުލް ކުރުމާއި ގުޅިގެން ޕެނަލްޓީއެއް ދީފަ އެވެ. ނަމަވެސް ހަތް މިނިޓް ވަންދެން ވީޑިއޯ ބެލުމަށްފަހު އެމްބާޕޭއަށް ފައުލް ކުރުމުގެ ކުރިން އެ ޓީމުގެ ކުޅުންތެރިއަކު އޮފްސައިޑް ވެފައިވާކަމަށް ނިންމާ ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.

މި މެޗުގެ 65 ވަނަ މިނިޓުގައި މިކޭލް މެރީނޯ ދިން ޕާހަކުން ސަކާ ވަނީ ލަނޑެއް ޖަހާ އާސެނަލް އަށް ކުރި ހޯދަދީފަ އެވެ. 2021 ވަނަ އަހަރު ލިވަޕޫލް އަތުން ބަލިވި މެޗަށްފަހު 4-0 ގެ ނަތީޖާއަކުން ކުރީގައި އޮތް އާސެނަލް މިހާތަނަށް މެޗަކުން ބަލިވެފައެއް ނުވެއެވެ.

އާސެނަލް އިން ލަނޑު ޖެހިތާ ދެ މިނިޓު ފަހުން ވިނިޝިއަސް ޖޫނިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑަކީ އާސެނަލްގެ ޑިފެންޑަރ ވިލިއަމް ސަލީބާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ވިނިޝިއަސް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

މި މެޗުން އާސެނަލް މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ގެބްރިއެލް މާޓިނޭލީ އެވެ. މި ލަނޑު ޖަހަންވެސް މާޓިނޭލީ އަށް ފުރުސަތު ތަނަވަސްކޮށްދީފައިވަނީ ފުރަތަމަ ލަނޑަށްވެސް މަގު ތަނަވަސްކޮށްދިން މިކޭލް މެރީނޯ އެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުން ރެއާލް މެޑްރިޑް ބަލިވެފައިވީ ނަމަވެސް މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެ ޓީމުން ވަނީ ދެވަނަ ލެގުގައި އެގްރިގޭޓް ނަތީޖާ ބަދަލުކޮށްފަ އެވެ. ނަމަވެސް ރޭގެ މެޗުގައި އެކަން އެގޮތަށް ކުރެވޭ ގޮތެއް ރެއާލް މެޑްރިޑަށްވަނީ ނުވެފަ އެވެ.