ޤާނޫނީ ވަކީލުންގެ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްސަ އެވޯޑެއް ދިނުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ނިންމަވައިފިއެވެ.
މި އެވޯޑު ދިނުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރިކޮގްނިޝަން އެވޯޑާބެހޭ އުޞޫލު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝައިޢުކޮށް، ޢަމަލުކުރަން ފަށާފައެވެ.
ރިކޮގްނިޝަން އެވޯޑުގެ މަޤުޞަދަކީ ޤާނޫނީ ވަކީލުންނާއި އަމިއްލަ ފަރުދުންނާއި މުއައްސަސާތަކާއި ޖަމިއްޔާތަކުން ޤާނޫނީ ދާއިރާއިން ހޯދައި ކާމިޔާބީތައް ފާހަގަކޮށް، ހިތްވަރުދިނުމެވެ. އަދި ޤާނޫނީ ޚިދުމަތުގެ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ އަގުވަޒަންކުރުމާއި ޤާނޫނީ ފަންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކުރުމަކީވެސް އެވޯޑު ދިނުމުގެ މަޤުޞަދެއްކަމަށް ބާ ކައުންސިލުން ވިދާޅުވެއެވެ.
ބާ ކައުންސިލުން ޢާންމުކުރައްވާފައިވާ އުޞޫލުގައިވާ ގޮތުން އެވޯޑު ދޭނީ، އެވޯޑު ދޭ އަހަރު ނޫން އޭގެ ކުރީ އަހަރު ހޯދާފައިވާ ކާމިޔާބީތަކަށެވެ.
• ކްރިމިނަލް ޖަސްޓިސް އެވޯޑު
• އެކްސެސް ޓު ޖަސްޓިސް އެވޯޑު / ހިއުމަން ރައިޓްސް ލޯޔަރ އޮފް ދަ އިޔަރ
• ޖުވެނައިލް ޖަސްޓިސް އެވޯޑު
• ލީގަލް އެޑިއުކޭޝަން އެކްސެލަންސް އެވޯޑު
• ޑިފަރަންސް މޭކަރ އެވޯޑު (ޤާނޫނީ ވަކީލުން އަދި ޤާނޫނީ ވަކީލުން ނޫން ފަރާތްތައް)
• ލީގަލް އެޑިއުކޭޝަން އައުޓްރީޗް އެވޯޑު
• ވުމަން ލޯޔަރ އޮފް ދަ އިޔަރ އެވޯޑު
• އިސްމާޢީލް ވިޝާމް އަޕް-އެންޑް-ކަމިންގ ލޯޔަރ އެވޯޑު
• ސޯލް ޕްރެކްޓިޝަނަރ އޮފް ދަ އިޔަރ އެވޯޑު
• މެންޓަރ އޮފް ދަ އިޔަރ އެވޯޑު
• ލައިފްޓައިމް އެޗީވްމެންޓް އެވޯޑު
ބާ ކައުންސިލުން ވިދާޅުވީ އެވޯޑުތަކަށް ކުރިމަތިލާންއެދި ޢާންމުންކޮށް ހުޅުވާލެވޭނެ ކަމަށެވެ. އަދި އެވޯޑަށް ކުރިމަތިލުމަށް އެދި ހުށައަޅާ އެޕްލިކޭޝަންތައް އިވެލުއޭޓުކޮށް، އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ އުޞޫލުގެ ދަށުން ހޮވައި ޚާއްސަ ކޮމިޓީއަކުންނެވެ. އެވޯޑު ލިބޭ ފަރާތްތައް އިޢުލާނުކޮށް އެވޯޑު ހަވާލުކުރުން އޮންނާނީ ބާ ކައުންސިލުން އެކަމަށް އިންތިޒާމުކުރާ ޚާއްޞަ ހަފުލާއެއްގައެވެ.