މަސްވެރިކަމާ ބެހޭ ކޮލެޖުން 45 ދަރިވަރަކަށް ފުލް ސްކޮލަރޝިޕް ފުރުސަތު ހޯދައިދީ އެސްކޮލަރޝިޕް ކުރިމަތިލުމުގެ ފުރުޞަތު ދާދި އަވަހަށް ހުޅުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައްޔިތުންނާއެކު ނަމުގައި ކުރިއަށްގެންދަވާ ސިލްސިލާ ޕޮޑުކާސްޓުގެ 4ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަސްވެރިކަމާއި ބެހޭ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެއް ޤާއިމުކުރުމަކީ ޤާނޫނީގޮތުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ މައްޗަށް ލާޒިމްކޮށްފައިވާކަމެއް ނަމަވެސް އެމަސައްކަތް މިހާތަނަށް ކުރެވިފައެއް ނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ އެމަސައްކަތް ފައްޓަވާފައެވެ. އެގޮތުން ޤައުމީ ޔުނިވަރސިޓީގައި މޯލްޑިވްސް ކޮލެޖް ފޮރ ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ނަމުގައިވަނީ ކޮލެޖެއް އުފައްދާފައެވެ.
މަސްވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމުގެ މަސައްކަތާއި ގުޅޭގޮތުން ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، މި ކޮލެޖުން ޑިގްރީ ފެންވަރަށް ސްކޮލަރޝިޕް ދިނުމަށް ނިންމަވާފައިވާކަމަށެވެ.
"އެކޮލެޖުން ބެޗެލާސް އޮފް ފިޝަރީޒް މެނޭޖްމެންޓް ކިޔެވުމަށް ފުލް ސްކޮލަރޝިޕް އަޅުގަނޑުމެން ދެމުންދާނަން. މިހާރު އެކަމަށް ހުރިހާ ތައްޔާރީތަކެއް ވަނީ ވެވިފައި. އަންދާޒާ ކުރަނީ ބަޖެޓު ހަމަޖެހިފައި އޮތް ގޮތުން 45 ކުއްޖަކަށް، ސްކޮލަރޝިޕް ހަމަޖެއްސޭނެއޭ. ދެންވެސް ކުދި ކުދި ކޯސްތައް އެބަހުރި. އެނޫންވެސް ކުދިކުދި ކޯސްތައްވެސް އެބަ ހިންގާ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކޮލެޖު ޤާއިމްކުރުމަކީ މަސްވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމަށް ކުރެވިގެން ބޮޑު މަސައްކަތެއް ކަމަށެވެ. އަދި އިތުރު ސްކޮލަރޝިޕް ފުރުސަތު ހޯދުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ކޮލެޖުން މީހުން ބިނާކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދާދިފަހުން ވަނީ ގއ. ކޮލަމާފުށީގައި އައުޓްރީޗް ސެންޓަރެއް ޤާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މުޅިއެކު 15،000 އަކަފޫޓްގެ ސަރަޙައްދެއްގައި ޤާއިމު ކުރާ އައުޓްރީޗް ސެންޓަރުން ދިރާސާތައް ކުރުމާއި ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ލިބ،ި އަދި ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވޭނެކަމަށްވެސް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ. އަދި މިމަޝްރޫޢުގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަދި ތިމާވެށީގެ ގޮތުން ވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބ،ި ކޮލަމާފުށްޓާއި މުޅި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިއެރުން ތަކެއްލިބިގެންދާނެކަމަށްވެސް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.