މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޤައުމީ އިނާމާބެހޭ ކޮމިޓީން އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ވިދާޅުވީ އަންނަ އާދިއްތަ ދުވަހުން ފެށިގެން މެއިމަހުގެ 29 ވަނަ ދުވަހާހަމައަށް އިނާމަށް އެދި ފޯމް ހުށަހެޅޭނެކަމަށެވެ.
ފޯމު ފޮނުވަންޖެހެނީ، ޤައުމީ އިނާމާ ބެހޭ ކޮމިޓީއަށް އެޑްރެސްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އިނާމަށް އެދި ފޯމުހުށަހަޅާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފޮނުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީންވަނީ އެދިވަޑައިގެންފައެވެ.
ޤައުމީ އިނާމަށް މިއަހަރު ހުޅުއްވައިލެއްވުމަށް ނިންމަވާފައިވަނީ، މައިގަނޑު 39 ދާއިރާއަކުންނެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް، މިއަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމްޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ.
އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ.