ޚަބަރު

އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން، ޑޮކްޓަރުންނަށް ރައީސްގެ ޝުކުރު


  • މިއަދަކީ ދިވެހި ޑޮކްޓަރުންގެ ދުވަސް

  • ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ޑޮކްޓަރުންދެއްވާ އެއްބާރުލެއްވުމަށް ޝުކުރުދެންނެވި

ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހި ޑޮކްޓަރުންގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޞިއްޙީ ޚިދުމަތް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިވެހި ޑޮކްޓަރުން ދެއްވާ މަޝްވަރާއާއި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަންކަމަށް ރައީސް ވިދާޅުވިއެވެ.

ޕޯސްޓް ނިންމަވާލައްވަމުން ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކަށް ދިވެހި ޑޮކްޓަރުންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރެއްވިއެވެ.

ކޮންމެ އަހަރަކުވެސް ޑޮކްޓަރުންގެ ދުވަސް ފާހަގަކުރަނީ އެޕްރީލް މަހުގެ 18ވަނަ ދުވަހުއެވެ.

ޑޮކްޓަރުންނަށް ދިމާވާ އެކި ދަތިތައް ހައްލުކޮށްދީ، އެ މީހުން ތަމްރީންކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ގޮތުން އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މަޢުލޫމާތު ވަގުތުން ބެލޭނެގޮތަށް، ޑޮކްޓަރުންނަށް ޚާއްޞަކޮށްގެން އޮންލައިން ޕްލެޓްފޯމެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރައްވަމުންނެވެ.

މީގެ އިތުރުން ދިވެހިރާއްޖެއާއި ޗައިނާއާއެކު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ދިވެހި ޑޮކްޓަރުންނަށް ޗައިނާގެ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރުމުގެ މަގުފަހިވާނެކަން ސަރުކާރުން ހާމަކުރައްވާފައެވެ މިއާއެކު ޗައިނާގައި ތަޖުރިބާ ހާސިލުކުރުމުގެ ފުރިޞަތު ފަހިވެ، އިތުރަށް ތަމްރީންވުމުގެ ދޮރުތައް ދިވެހި ޑޮކްޓަރުން ވަނީ ހުޅުވިފައެވެ.