ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށް އައިކާއޯގެ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވާކަމަށާއި، ސަރަޙައްދީ ފެންވަރުގައި މަޢުލޫމާތު ބަދަލުކުރެވޭނެ ޕްލެޓްފޯމްތަކަށް ވާސިލުވުމުމަކީ މުހިންމުކަމެއްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޤަތަރުގެ ވެރިރަށް ދޯހާގައި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯއިން އިންތިޒާމްކޮށްގެން ބާއްވާ މިއަހަރުގެ ފެސިލިޓޭޝަން ކޮންފަރެންސްގެ މިނިސްޓީރިއަލް ސެގްމެންޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ވައިގެ ދަތުރުފަތުރަކީ ކޮންމެހެން ބޭނުންވާ ސިނާއަތެއްކަމަށެވެ. އަދި ވައިގެ ދަތުރުފަތުރަރަކީ ރާއްޖޭގެ އެކި ރަށްރަށާއި އިޤްތިޞާދު ދުނިޔެއާ ގުޅުވައިދޭ މައި ނާރުކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކުދި ޤައުމުތަކަށް އައިކާއޯގެ މިންގަނޑުތަކާއި އެއްގޮތަށް ޢަމަލުކުރުމުގައި ގިނަ ގޮންގޮންޖެހުންތަކެއް ކުރިމަތިވާކަމަށެވެ. އޭގެ ތެރޭގައި އިންސާނީ ވަސީލަތްތަކުގެ ދަތިކަމާއި، މާލީ ގޮންޖެހުންތަކާއި، ޖިއޮގްރަފިކް ގޮތުން ރަށްތައް ވަކިވަކިން އޮތުން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވައިގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރައްވާފައެވެ. ބޯޑަރ ކޮންޓްރޯލް ޑިޖިޓަލައިޒް ކުރުމާއި، އެޑްވާންސް ޕެސެންޖަރ އިންފޮމޭޝަން އަދި ބަޔޯމެޓްރިކްސް ސިސްޓަމްތައް އިންޓަގްރޭޓް ކުރުމާއި، އޭވިއޭޝަން ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމަށް އިސްކަންދޭކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޚާއްޞަ ތަމްރީނުތަކާއި، ޓެކްނޮލޮޖީ ބޭނުންކުރުމާއި، ރައްކާތެރި އަދި އިންޓަރއޮޕަރަބަލް ސިސްޓަމްތައް ތަރައްޤީކުރުމަށް އެހީތެރިކަން ބޭނުންވާކަން ވަޒީރު އަމީން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެ ފަދަ ޤައުމުތަކަށް އެކްރެޑިޓް ކުރެވިފައިވާ ތަމްރީނުތަކާއި، ސެޓިފިކޭޝަންތަކާއި، ސަރަޙައްދީ ފެންވަރުގައި މަޢުލޫމާތު ބަދަލުކުރެވޭނެ ޕްލެޓްފޯމްތަކަށް ވާސިލުވުމުގެ މުހިންމުކަންވެސް އެ ވަޒީރު ފާހަގަކުރެއްވިއެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް އެންމެ ރަނގަޅު ފެންވަރެއްގައި އެއްހަމައަކުން ފޯރުކޮށްދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ކަނޑައެޅުމަށް މަގުފަހިކުރާނެ ނިންމުންތަކަކަށް ވާސިލްވުމެވެ. މި ކޮންފަރެންސްގައި "ދޯހާ ޑެކްލަރޭޝަން އޮން ފެސިލިޓޭޝަން އޮފް އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް 2025"ގެ ނަމުގައި ޤަރާރެއްވެސް ވަނީ ފާސްކޮށްފައެވެ.
މި ޤަރާރަކީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ސިނާޢަތު އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް އެކުލަވާލާ ޤަރާރެކެވެ. މި ޤަރާރުގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންހިފައިގެން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމާއި، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ އިތުރުން ދަތުރުވެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅާނެއެވެ.
މި ބައިނަލްއަޤްވާމީ ފެންވަރުގެ މުހިންމު ކޮންފަރެންސްގެ ސަބަބުން، ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ތަރައްޤީކޮށް، ޒަމާނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމައަކަށް ގެނައުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް ދެމެހެއްޓެނިވި އަދި ފައިދާހުރި ގޮތެއްގައި ކުރިއެރުން ލިބި، ޤައުމުގެ ދަތުރުފަތުރުގެ ވިއުގަ ހަރުދަނާވެގެންދާނެއެވެ.