ނިމިގެންދިޔަ ވީއޭއެމް ކަޕް 2025 ގެ ފައިނަލް މެޗުގައި ދިމާވި މައްސަލައަކީ ކެޕްޓަން ހައްވާ ރާޝިދާ ނުލައި ކުޅެންޖެހުން ކަމަށާއި، މުޅި ޓީމު އޮތީ އެފަދަ ހާލަތަކަށް ތައްޔާރުވެގެން ނޫން ކަމަށް ޕޮލިސް ކުލަބުގެ ކޯޗު މުނާ މުނީރު ބުނެފިއެވެ.
ވީއެއެމް ކަޕް ފައިނަލުގައި ކުލަބު ވެމްކޯއިން މުބާރާތުގެ ތަށި ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ކާމިޔާބުކުރީ ޕޮލިސް ކުލަބުގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި މި ދެޓީމު ވާދަކުރި މެޗުގެ ތިންވަނަ ސެޓުގައި ޕޮލިސް ކުލަބްގެ ހައްވާ ރާޝިދާ ވަނީ އަނިޔާވެގެން ކޯޓުން ފައިބައިފައެވެ. ހައްވަ ނުލައި އެ މެޗުން ޕޮލިސް ކުލަބު މޮޅުވިޔަސް މުބާރާތުގެ ފައިނަލުގަ އެޓީމަށް އެޖާދުލެއް ނުދެއްކުނެވެ.
އަނިޔާގެ ސަބަބުން މި އަހަރު ވޮލީ ސީޒަންގެ ފުރަތަމަ ފައިނަލް ހައްވައަށް ގެއްލުނު ނަމަވެސް ކުރިއަށް އޮތް ގައުމީ ލީގުގައި އަނިޔާއިން ރަނގަޅުވެ ހައްވަ ޓީމުން ފެންނާނެ ކަމަށް މުނާ ބުންޏެވެ.
"އަޅުގަނޑުމެން ބޭނުން ނުވީ މިއަދު ކުރިއަށް އަދި ދެ މުބާރާތް އޮތީމަ ހައްވަގެ ފަޔަށް ލޯޑުބޮޑުވެ އެންޖެރީ ބޮޑުވެދާނެ އެއްވެސް ކަމެއް ކުރާކަށް، ކުރިއަށް ހުރި މުބާރާތަށް ފޯކަސް ކޮއްފަ އިންނާނީ، މިއަދަކަށް އަދި ފިޓެއް ނޫން ހައްވަ ކުޅޭކަށް" ޕޮލިސް ޓީމުގެ ކޯޗު މުނާ ބުންޏެވެ.
ފައިނަލް މެޗަށް ފަހު ވާހަކަދައްކަމުން މުނާ ބުނީ ފައިނަލް މެޗު ގެއްލިގެން ދިޔައީ މުޅި ޓީމުގެ ވެސް ޕާފޯމެންސް ދަށްވުމުން ކަމަށެވެ. އެހެންނަމަވެސް މުބާރާތަށް ޕޮލިހުން ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށް މުނާ ބުންޏެވެ.
ލީގަށް ނިކުންނައިރު ޕޮލިސް ޓީމު އިތުރަށް ވަރުގަދަ ކުރާނެ ކަމަށާއި، މި މުބާރާތުގައި ދެއްކި ކުޅުމަށް ވުރެ ރަނގަޅު ކުޅުމެއް ޓީމުން ފެންނާނެ ކަމަށް މުނާ ވަނީ ބުނެފައެވެ.