މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގުކަމަށާއި، އެސްކޫލަކީ މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަޖީދިއްޔާ ސްކޫލުގެ 98ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވެ.
މަޖީދިއްޔާ ސްކޫލުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސްކޫލުގެ ދިގު ތާރީޚަށް އަލިއަޅުއްވާލައްވާފައެވެ. އެ ސްކޫލުގެ މާޒީ ސިފަކޮށްދެއްވާ އެމަނިކުފާނު ވިދާޅުވީ، މަޖީދިއްޔާގެ "ފަޚުރުވެރި ހިޔަލުން" މި ޤައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތްކަމަށެވެ. އަދި މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެސްކޫލަކީ ރާއްޖޭގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އެމަނިކުފާނު ވަނީ އެ ސްކޫލުގެ ހަނދާންތައް ދިވެހިންގެ ހިތުގައި ބިންވަޅު ނެގިފައިވަނީ ޒިކުރާތަކާއެކު ކަމަށް ވިދާޅުވެފައެވެ.
މަޖީދިއްޔާގެ "ފަޚުރުވެރި ހިޔަލުން" މި ޤައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް.
— Dr Mohamed Muizzu (@MMuizzu) April 19, 2025
މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު. މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ". މަޖީދިއްޔާގެ ހަނދާންތައް… pic.twitter.com/gsjLR9uJtj
އަހަރީ ދުވަހާއި ގުޅިގެން ހިއްސާކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ މަޖީދިއްޔާ ސްކޫލަށް 98 އަހަރު ފުރުމުގެ މުނާސަބަތުގައި، ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށާއި، ބެލެނިވެރިންނާއި، މުދައްރިސުންނާއި، ހިންގުންތެރީންނަށް އަދި ޚިދުމަތްތެރީންނަށް ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ. އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލެއްވީ، މަޖީދިއްޔާ ސްކޫލުގެ ލަވައިގެ ބައިތުތަކަކުންނެވެ.
ރާއްޖޭގެ ނިޒާމީ ތަޢުލީމު ފެށިގެންދިޔައީ 1927ވަނަ އަހަރުގެ އޭޕްރިލް 19ވަނަ ދުވަހު މަދަރުސަތުއްސަނިއްޔާއާ އެކުއެވެ. އެއީ އައްސުލްތާން މުޙައްމަދު ޝަމްދުއްދީން 3ގެ އިސްނެންގެވުމާއެކުގައެވެ. މިހާރުގެގޮތުން ނަމަ އެއީ މަޖީދިއްޔާ ސްކޫލެވެ. ހަމައެކަނި ފިރިހެން ކުދިންނަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި އެތައް އަހަރަކު އޮތުމަށްފަހު، 2011ވަނަ އަހަރު މަޖީދިއްޔާގައި ދެ ޖިންސަށް ކިޔަވައިދޭން ފެށިއެވެ.
2027 ވަނަ އަހަރު މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރޭއިރު، އެސްކޫލަށް 100 އަހަރު ފުރުމާއި ދިމާކޮށް 1000 ދުވަހުގެ ކައުންޓްޑައުންއެއް މިދިޔަ އަހަރު ވަނީ ފަށާފައެވެ. ސަރުކާރުން ވަނީ މަޖީދިއްޔާއަށް ގަރުނެއް ފުރުން ކުލަގަދަކޮށް ފާހަގަކުރަން ނިންމަވާފައެވެ.