ޚަބަރު

އެކުއަކަލްޗަރގެ މަސައްކަތަށް ރަށްރަށުގެ އިޚްތިޞާސްގައި ނުހިމެނޭ ސަރަޙައްދުތައް ކުއްޔަށްދެނީ


  • މިމަސައްކަތްކުރުމަށް ކުރިން ކުއްޔަށް ދޫކުރަނީ ފަޅުރަށްތައް އެކަނި

  • މިމަސައްކަތް ކުރުމަށް ކުއްޔަށް ދޫކުރެވޭނީ ހަމައެކަނި ދިވެހީންނަށް ނުވަތަ ރާއްޖޭގައި ރަޖިސްޓަރކޮށްފައިވާ ވިޔަފާރިއަކަށް

އެކުއަކަލްޗަރ މަސައްކަތަށް ރަށްރަށުގެ އިޚްތިޞާސްގެ ތެރޭގައި ނުހިމެނޭ ފަޅުތަކާއި ކަނޑުގެ ސަރަޙައްދުތައް ކުއްޔަށް ދޫކުރެވޭ ގޮތަށް އެކަމާއި ގުޅޭ ގަވާއިދަށް އިސްލާޙުކުރައްވައިފިއެވެ.

އެކުއަކަލްޗަރގެ މަސައްކަތްކުރުމަށް މީގެ ކުރިން ދޫކުރަމުންދިޔައީ ފަޅު ރަށްރަށާއި ބެހޭ ޤާނޫނުގެ ދަށުން، ފަޅު ރަށްތައް އެކަންޏެވެ.

އެކުއަކަލްޗަރގެ މަސައްކަތްކޮށް މަސްވެރިކަމުގެ ސިނާޢަތް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ސަރުކާރުން އަންނަނީ އެކި މަޝްރޫޢުތައް ކުރިއަށްގެންދަވަމުންނެވެ. މިގޮތުން ގަވާއިދުތަކަށް އެކި އިސްލާޙުތައް ގެނެސް މިމަސައްކަތް ހަރުދަނާކުރުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ. މިގޮތުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ވަނީ 2020 ވަނަ އަހަރު އެކުލަވާލާފައިވާ އެކުއަކަލްޗަކުރުމުގެ ގަވާއިދަށް އިތުރު އިސްލާޙެއް، ގެންނަވާފައެވެ. މިގޮތުން މީގެ ކުރިން އެކުއަކަލްޗަރގެ މަސައްކަތްކުރުމަށް ފަޅު ރަށްތަށް ދޫކުރެވޭގޮތަށް އޮތް އުސޫލު ބަދަލުކުރައްވާ، މިމަސައްކަތް ކުރުމަށް ރަށްރަށުގެ ކައުންސިލްތަކުގެ އިޚްތިޞާސްގައި ނުހިމެނޭ ފަޅުތަކާއި، ކަނޑުގެ ސަރަޙައްދުވެސް ކުއްޔަށް ދޫކުރެވޭނެހެން ޤަވާއިދު ވަނީ އިސްލާޙުކުރައްވާފައެވެ.

މިއިސްލާޙުގައި ބަޔާންކޮށްފައިވާގޮތުން، އެކުއަކަލްޗަރގެ މަސައްކަތް ކުރުމަށް ފަޅަކުން އަދި ކަނޑުގެ ސަރަޙައްދަކުންވެސް ކުއްޔަށް ދޫކުރެވޭނީ ދިވެހި ރައްޔިތަކަށް، ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކަށް ނުވަތަ ރާއްޖޭގައި ރަޖިސްޓަރކޮށްފައިވާ ފޮރިން އިވެންސްޓްމަންޓް ކުންފުންޏަކަށް ނުވަތަ ކޯރޕަރޭޓް ސޮސައިޓީއަކަށްކަމަށް ވަނީ ބަޔާންކޮށްފައެވެ.

މިގަވާއިދުގެ ދަށުން އެކުއަކަލްޗަރގެ ބޭނުމަށް ކުއްޔަށް ދޫކުރުމުގައި ވަކި ޚާއްސަ ޝަރުތުތަކަށް ބަލަންޖެހެއެވެ. އެގޮތުން ކުއްޔަށް ހިފަން ހުށަހަޅާ ސަރަހައްދުގައި ކުރަން ހުށަހަޅާ މަސައްކަތަކީ، ރާއްޖޭގެ އިޤްތިޞާދަށާއި ދިވެހި ރައްޔިތުންނަށް ފައިދާކުރާނެ ކަމަކަށް ވާންޖެހޭނެއެވެ. އަދި ކުއްޔަށް އެސަރަޙައްދެއް ހިފަން ހުށައަޅާ ފަރާތަކީ އެކަމަށް މާލީގޮތުންނާއި ފަންނީގޮތުން ޤާބިލު މީހަކަށްވާންޖެހެއެވެ. މީގެއިތުރުން އެސަރަޙައްދަކީ މާޙައުލީގޮތުން ކުރަން ހުށައަޅާ މަސައްކަތްކުރުމަށް އެކަށީގެންވާ ތަނަކަށްވެސްވާންޖެހެއެވެ.

މިގަވާއިދުގެ ދަށުން މިމަސައްކަތް ކުރުމަށް ފަޅު ރަށެއްނަގާނަމަ، ބިމު ކުލީގެގޮތުގައި ނެގޭނެ އެންމެ ދަށް ކުއްޔަކީ ބިމުގެ އަކަފޫޓަކަށް 10 ލާރީގެ އުސޫލުންނެވެ. އަދި މިމަސައްކަތްކުރުމަށް ދޫކުރާ ރަށަކާއި ގުޅިފައިނުވާ ފަޅުގެ ސަރަހައްދުތަކާއި ކަނޑުގެ ސަރަހައްދުތަކުގެ އެންމެ ދަށް ކުއްޔަކީ އަހަރަކަށް އެސަރަޙައްދަކުން އަކަފޫޓަކަށް 5 ލާރިކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މިއިސްލާޙާއެކު އެކުއަކަލްޗަރގެ މަސައްކަތް ދޫކުރާ ސަރަޙައްދުގެ ފުރަތަމަ 36 މަސްދުވަހުގެ ކުލި، ދައްކަން ނުޖެހޭގޮތަށް ހަމަޖެއްސުމުގެ އިޚްތިޔާރު ވުޒާރާއަށް ލިބިގެންވެއެވެ.