ޚަބަރު

7000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިޙާނު ފަށައިފި


  • އިމްތިހާނު 260 ސެންޓަރެއްގައި ކުރިއަށްދާނެ

  • މިއަދާ މާދަމާ ކުރިއަށްދާނީ އިސްލާމް އަދި ދިވެހި މާއްދާ

މިއަހަރުގެ އޯލެވެލް އިމްތިޙާނު 7000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފިއެވެ.

އޯލެވެލް އިމްތިހާނުގައި މިއަދު ފަށާފައިވަނީ އެސްއެސްސީ އިމްތިހާނެވެ. އެގޮތުން ފުރަތަމަ އިސްލާމް އަދި ދިވެހި މާއްދާ ކުރިއަށްދާނެއެވެ. މީގެ އިތުރުން މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން ބައެއް މާއްދާތަކުގެ ޕްރެކްޓިކަލް ބައި ވަނީ ކުރިއަށްގެންގޮސްފައެވެ.

ތަޢުލީމީ ވުޒާރާއިން ޕީއެސްއެމް ނިއުސްއަށް ހިއްސާކޮށްފައިވާ ތަފާސް ހިސާބުގައި އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 7971 ދަރިވަރަކު ބައިވެރިވިއެވެ. މިފަހަރުގެ އިމްތިހާނު 260 ސެންޓަރެއްގައި ކުރިއަށްދާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ތައުލީމީ ވުޒާރާއިން ވިދާޅުވީ އެސްއެސްސީ އިމްތިހާނުގައި 7519 ދަރިވަރަކު ބައިވެރިވާކަމަށެވެ. އަދި ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި 7666 ދަރިވަރުން ބައިވެރިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މިއަހަރުގެ އޯލެވެލް އިމްތިހާނު ނިމޭނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.

2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ސަރުކާރުން ގެންނަވާފައެވެ. އެއީ އޯލެވެލް ހަދާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާގެ އިމްތިހާނުގައި ފުރިހަމައަށް ބައިވެރިވުމާއެކު އެ މާއްދާތަކަށް ސަރުކާރުން ފައިސާދައްކާގޮތަށް ހަމަޖެއްސުމެވެ. މަޖުބޫރު މާއްދާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާއެވެ.

މޮކް އިމްތިހާނުން ފާސްނުވިނަމަވެސް، އޯލެވެލްގައި އެ އިމްތިހާނުތަކުގައި ބައިވެރިވުން ކޮންމެ ދަރިވަރަކަށްވެސް މަޖުބޫރެވެ. އިމްތިހާނުގައި ބައިވެރިވާ ފައިސާ ދައްކާނީ ސަރުކާރުންނެވެ. ކުރިން އުސޫލު އޮތްގޮތުން، މަޖުބޫރު މާއްދާއިން މޮކް އިމްތިހާނުގައި ފާސް ނުވެއްޖެނަމަ، އެ ދަރިވަރަކު އަމިއްލައަށް ފައިސާ ދައްކައިގެން އިމްތިހާނުގައި ބައިވެރިވާން ޖެހޭނެއެވެ.

ސަރުކާރުން ގެނައި މިބަދަލަކީ ވީހާވެސް ގިނަ ދަރިވަރުންނަށް އިމްތިހާނުގައި ބައިވެރިވުމުގެ މަގު ފަހިކޮށްދީ، ދަރިވަރުން ރަނގަޅު ނަތީޖާ ހޯދުމަށް ބާރު އެޅުމަށް ގެނައި ބަދަލެވެކެވެ.

މަޖުބޫރު ހަތަރު މާއްދާ ހިމެނޭހެން ޖުމްލަ 5 މާއްދާގައި ދަރިވަރުން ބައިވެރިވާން ޖެހޭނެކަމަށްވެސް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން މަޖުބޫރު މާއްދާގެ އިތުރުން، ބީޓެކް ދަރިވަރުންގެ އިތުރު އެއް މާއްދާ ކިޔަވަންޖެހެއެވެ.