ޚަބަރު

މިއަހަރުގެ ޤައުމީ އިނާމަށް ޕެޓިޝަރީ އެންޑް ބޭކިންގގެ ދާއިރާ އިތުރުކޮށް ފުރުސަތު ހުޅުވާލައިފި


  • އިނާމަށް ނަން ހުށަހެޅޭނީ މޭއި 29ގެ ނިޔަލަށް

ޤައުމީ އިނާމަށް ދާއިރާއެއް އިތުރުކޮށް އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޤައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.

ޤައުމީ އިނާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ މޭ މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ޤައުމީ އިނާމަށް ނަން ހުށަހެޅުމަށް މިއަހަރު ފުރުޞަތު ހުޅުވާލާފައިވަނީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް އިތުރު ދާއިރާއެއް އިތުރުކުރުމަށްފަހުއެވެ. އެއީ ޕެޓިޝަރީ އެންޑް ބޭކިންގގެ ދާއިރާއެވެ. ޕެޓިޝަރީ އެންޑް ބޭކިންގގެ ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބައްލަވާނެ ރޮނގުތަކުގެ ތެރޭގައި، ކޭކުއެޅުމާއި، ކޭކު ޑެކަރޭޓްކުރުމުގެ ފަންނު ކުރިއެރުވުމާއި، ޕޭސްޓްރީއާއި ތަފާތު ޑެޒާޓް އުފެއްދުން ހިމެނެއެވެ.

ޤައުމީ އިނާމުގެ ގޮތުގައި ދެއްވުމަށް ހަމަޖެހިފައިވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.

ޤައުމީ އިނާމަށް އެދޭ ފޯމާއި، ފޯމާއެކުގައި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޕޯޓަލް މެދުވެރިކޮށްނާއި، ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅައިގެންނެވެ. ޕޯޓަލް މެދުވެރިކޮށް ހުށަހަޅާނަމަ ހުށަހަޅާނީ، https://apply.presidency.gov.mv އަށެވެ. ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން ހުށަހަޅާނަމަ ހުށަހަޅާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނަށެވެ.

ޤައުމީ އިނާމަށް މިއަހަރު ހުޅުއްވާލައްވާފައިވަނީ މައިގަނޑު 39 ދާއިރާއަކުންނެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް، މިއަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމްޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ.